ފަޒްނާ އަހުމަދު

ގާލްގައިޑްގެ ޝަރަފްވެރި އެވޯޑެއް މެޑަމް ފަޒްނާއަށް

Mar 5, 2023

ވޯލްޑް އެސޯސިއޭޝަން އޮފް ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑު ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދަށް އަރުވައިފި އެވެ.

އެކަމަނާއަށް މިއެވޯޑު އަރުވާފައިވަނީ އިއްޔެ ކަސްޓަމްސް ބިލްޑިންގައި ބޭއްވި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަންގެ މިދިޔަ އަހަރުގެ، އަހަރީ އާންމު ޖަލްސާގަ އެވެ.

މިއެވޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގާލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކޮށް، އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އެކަމަނާއަށް އަރުވާފައިވާ އެވޯޑެކެވެ. މިއީ ރާއްޖޭގެ ބޭފުޅަކަށް މިއެވޯޑް އެރުވުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިޖަލްސާގައި ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ކެޓަގަރީން، އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް ބޭފުޅަކަށް އަދި އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް ހަތަރު އޮގަނައިޒޭޝަނަކަށް ދީފަ އެވެ.

މި ޖަލްސާގައި ވޮރަންޓް ސެޓްފިކެޓް ލިބުނު ބޭފުޅުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ފަޒްނާ އެވެ. މީގެ އިތުރުން މިޖަލްސާގައި ކޮމިޝަނާ ސެޓްފިކެޓާއި ހިދުމަތުގެ އެވޯޑް އަދި ގާލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ކޮމިޝަނާ ނިއުމާތު ޝަފީގެވެ.

މިޖަލްސާގައި ފަސް އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ 75 ބޭފުޅަކަށާއި، މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑް ހާސިލްކުރި ދެ ބޭފުޅަކަށް ވަނީ އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ.

މިޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި އަހަރީ ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓް އިއްވައި ފާސްކުރުންވެސް ކުރިއަށް ގެންދިޔަ އެވެ.