ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ފަރުވާއަށް ހަ މަސް ނަގާނެ: ލޯޔަރު ހަސަން

  • ނަޝީދަށް ފަރުވާދެއްވަނީ ކެމަރަން ހަމަޖެއްސެވި ޑޮކްޓަރެއް
  • ނަޝީދު މައިބަދައިގެ އޮޕަރޭޝަނެއް ކުރައްވަން ޖެހޭ
  • ސަރުކާރުން އޮތީ މުއްދަތު އިތުރުކޮށްދޭން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނާ ގުޅޭގޮތުން އެމަނިކުފާނު ދެއްކެވީ، އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ހަމަޖެއްސިވި ޑޮކްޓަރެއް ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ. ހަސަން ވިދާޅުވީ ރައީސް ނަޝީދުގެ ބޭސްފަރުވާއަށް ހަ އެއްކަ މަސް ނަގާނެ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، ރައީސް ނަޝީދުގެ ބޭސްފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ލަފާ ޑޮކްޓަރުން ދެއްވާފައިވާ ކަމަށާއި ބޭސްފަރުވާއަށް ވަގުތު ނަގާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ ބޭސްފަރުވާއަށް ސަރުކާރުން 30 ދުވަސް ދީފައިވާއިރު އޮޕަރޭޝަން ކުރަން ޖެހިއްޖެނަމަ 45 ދުވަސް ދޭނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ވިދާޅުވެފަ އެވެ. ރައީސް އޮފީހުގެ ލީގަލް އެންޑް އެފެއާޒް އާޒިމާ ޝުކޫރު އިއްޔެ ލަންކާގެ ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވެފައިވަނީ، ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް ރައީސް ނަޝީދު އެދިލައްވައިފިނަމަ މުއްދަތު އިތުރުކޮށްދޭނެ ކަމަށެވެ.

ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތުގައި ހުންނެވީ މިނިވަނެއްގެ ގޮތުގައި ނޫން ކަމަށާއި ނަމަވެސް އެމަނިކުފާނު މިނިވަންވާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި ރައީސް ނަޝީދާއި ސިޔާސީ ހައްޔަރީން މިނިވަންކުރަން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ރައީސް ނަޝީދު މިނިވަންވާނެ ކަމަށް ހަސަން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު މިނިވަންވެ ރާއްޖޭގައި ވެރިކަން ކުރައްވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އެމަނިކުފާނު ފެއްޓެވި ގިނަ ކަންތައްތަކެއް ނިންމަން އަލުން ވެރިކަމަށް އަންނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަންމުންދާތީ، ހަސަން ވިދާޅުވީ ރައީސް ނަޝީދަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު ރާއްޖެ ވަޑައިގެން ވެރިކަން ވެސް ކުރައްވާނެ ކަމަށެވެ.

އިއްޔެ އާޒިމާ ވިދާޅުވެފައިވަނީ، ރައީސް ނަޝީދު ރާއްޖެ ވަޑައިނުގެންނެވި ނަމަވެސް އެކަމާ ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ. ރައީސް ނަޝީދު މިހާރު ހުންނެވީ ރާއްޖޭގެ އިހުތިސޯސްއިން ބޭރުގައި ކަމަށާއި އެމަނިކުފާނު "ގަދަކަމުން" ގެންނަން ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.