ލައިފްސްޓައިލް

މީހެއްގެ ފުރަމޭ ޓްރާންސްޕްލާންޓްކުރަން ޑޮކްޓަރަކު ދެއްކި ހިތްވަރު

މިއީ އެމެރިކާގެ އިރުމަތީގައި އޮންނަ ކޮލޯނިއަލް ސިޓީތަކުގައި ދިރިއުޅޭ މީހުންނަށް ނޫނީ ކުޑަކޮށް ވިސްނާލަން އުނދަގޫވެދާނެ ހާދިސާ އެކެވެ.

އޯގަން ޓްރާންސްޕްލާންޓްކުރާ އެމެރިކާގެ ފިލަޑެލްފިއާގެ ހޮސްޕިޓަލެއްގެ ސާޖަނަކު ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި މީހެއްގެ ޓްރާންސްޕްލާންޓް ހަދަން ތައްޔާރުވެގެން ހުންނެވި އެވެ. އޭރު އެ ސާޖަރީއަށް ބޭނުންވާ ފުރަމޭ ނިއު ޔޯކްގެ ހޮސްޕިޓަލެއްގައި އޮތް ބަލިމީހެއްގެ ހަށިގަނޑުން ނަގައި އެ ހޮސްޕިޓަލަށް ގެނައުމަށް ވަނީ ދަތުރު ފަށާފަ އެވެ.

އެއީ މިދިޔަ ނޮވެމްބަރު މަހުގެ ދުވަހެކެވެ. ބަންދުކޮށްފައި ހުރި އައިސްބޮކްސްގައި ފުރާމޭ ހޮސްޕިޓަލަށް ފޯރުކޮށްދިނުމަށް ވޭން ޑްރައިވަރު އެ ހޮސްޕިޓަލާ ދިމާއަށް ދަތުރުކުރަމުން ދިޔަ އެވެ.

ދުވަހަކީ ހޮނިހިރު ދުވަހެއް ކަމުން ވޭން ދަތުރުކުރި މަގުގައި ވަރަށް ބޮޑު މެރަތަން އެއް އެ ދުވަހު ކުރިއަށް ދިޔަ އެވެ. އެހެންވެ ވޭން ޑްރައިވަރަށް ވަކި ހިސާބަކުން އިތުރަށް ވޭން ދުއްވޭނެ ގޮތެއް ނުވެ މަގުބަންދުވި އެވެ. މެރަތަންގައި ދުވަމުންދިޔަ އެތައް ހާސް ބަޔަކު އެކި ވަގުތުތަކުގައި ދުވަމުން ދާތީ އެ މަގުން އެއްވެސް ދުއްވާއެއްޗެއް ދިއުން މަނާކޮށްފައި ވާތީއެވެ.

އޭރު ތޯމަސް ޖެފާސަން ޔުނިވަސިޓީ ހޮސްޕިޓަލުގައި އޮތް ބަލި މީހާ އޮތީ ފުރަމޭގެ އިންތިޒާރުގައި މަރާ ހަނގުރާމަ ކޮށްކޮށެވެ. އަނެއްކޮޅުން ފުރަމޭ ވެސް ނަގާތާ ވަކި ވަގުތެއްގެ ތެރޭގައި ޓްރާންސްޕްލާންޓް ނުކުރެވިއްޖެނަމަ އެ ހަލާކުވާން ފަށާނެ އެވެ. އަދި އޭރުން އެހެން މީހަކަށް އޭގެ ބޭނުމެއް ނުކުރެވޭނެ އެވެ.

ހޮސްޕިޓަލާ ބައި މޭލެއްހާ ދުރުގައި ފުރަމޭ ހިފައިގެން އަންނަ ވޭން ނާދެވި ތާށިވެފައި އޮތްކަން ސާޖަން އެޑަމް ބޮޑްޒިން އަށް އެނގުމާއެކު އަވަހަށް ދުވާ ބޫޓަށް އަރައި ހެދުން ބަދަލުކޮށްލައި މަގުމައްޗަށް ނުކުމެ ވޭން އޮތް ހިސާބަށް ދާން ދުއްވައިގަތެވެ.

މެރަތަން ދުވާ މީހުންގެ ތެރެއިން ލާފައި ޑޮކްޓަރު ދުވަމުން ވޭން އާ ހަމައަށް ގޮސް ފުރަމޭ ލާފައިވާ އައިސްބޮކްސް ނަގައިގެން އެނބުރި ހޮސްޕިޓަލަށް ދާން ދުއްވައިގަތެވެ. އެހިސާބުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ޑޮކްޓަރަށް ހުއްޓުނެވެ.

ބޮޑްޒިން، 41، އެނބުރި ހޮސްޕިޓަލަށް ދިއުމަށް ދުއްވައި ދުވެފައި ދަނިކޮށް ފުލުހުންނަށް މިކަން އެނގިގެން އައިސް ފުލުހުންގެ ކާރުގައި އަނެއް ފަރާތުގައި އޮތް މަގަކުން ވަރަށް ބާރަށް އޭނާ ހޮސްޕިޓަލަށް ގެންގޮސްދީފައި ވެއެވެ.

ނަސީބަކުން މި ޓްރާންސްޕްލާންޓް ސާޖަރީގެ ކަންތައް ދިޔައީ ވަރަށް ރަނގަޅަށެވެ. ޓްރާންސްޕްލާންޓަށް ތިން މަސް ދުވަސްވީއިރު ބަލިމީހާ މުޅިން ރަނގަޅުވެ އާދައިގެ ދިރިއުޅުމެއް އުޅެވޭވަރު ވަނީ ވެފަ އެވެ.

މިފަދަ އޯގަން ޑެލިވަރީތައް ކުރިއަށް ގެންދަނީ ދުރާލާ ފުލުހުންނަށް ވެސް އަންގައިގެން ވަރަށް ރަނގަޅު ރޭވުމެއްގެ ދަށުން ކަމަށް ވެފައި އެ ދުވަހު ޑްރައިވަރަށް ގަޑިއެއްހާއިރު ވީއިރުވެސް ވޭން ދުއްވާ ނުލެވި ތާށީވެފައި އޮންނަން ޖެހުނީ ކީއްވެގެން ނޭނގޭ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ފަހުން އެނގުނު ގޮތުގައި ވޭން ޑްރައިވަރަކީ އެ ހިސާބުގަނޑަށް އެހާ ފަރިތަ މީހެއް ނޫނެވެ. އެހެންވެ އެއްކޮޅަށް ދުއްވާ ބޮޑު މަގެއް ބަންދުވެފައި އޮތުމުން ދެން ފަސޭހައިން ދެވޭނެ ގޮތެއް އޭނާއަށް ނޭނގުނީ އެވެ. އެކި ގޮތްގޮތަށް ވޭން ދުއްވައިގެން ވެސް އޭނާއަށް ހޮސްޕިޓަލާ ހަމައަށް ދެވޭ ގޮތް ނުވީ އެވެ. މި ހުރިހާ ވަގުތެއްގައި ވެސް ވޭން ޑްރައިވަރާއި ސާޖަން ބޮޑްޒިން ހުރީ ފޯނުން ގުޅައިގެންނެވެ. އެހެންވެ އޭނާއަށް ވޭންގައި އެހާ އަވަހަށް ނާދެވޭނެކަން ޔަގީންވުމުން ވަގުތުން ހެދުންބަދަލުކޮށްގެން ދުވެފައި ދިޔައީ އެވެ.

މި ލިވާ ލެއްވީ ޗާލްސް ރޯވް ކިޔާ ބަލި މީހަކަށެވެ. އޭނާ ލިވާ ޓްރާންސްޕްލާންޓް ކުރެވޭނެ ދުވަހަކަށް އިންތިޒާރު ކުރާތާ އޭރު 15 މަސް ދުވަސް ވެއްޖެއެވެ.

ރޯވޭ އެދުވަހު އޮތީ ލިވާ ލިބި ޓްރާންސްޕްލާންޓް ކުރެވޭނެ އިރެއްގެ އިންތިޒާރުގަ އެވެ. ކުއްލިއަކަށް ޑޮކްޓަރު ނުކުމެގެން ދުއްވައިގަތުމުން އޭނާވެސް އޮތީ ވާނުވާ ނޭނގިފައިކަމަށް ރޯވޭ ބުންޏެވެ.

ފުރަމޭ ނެގުމަށްފަހު އައިސްގައި ޕްރިޒާވްކޮށްފައި ބޭއްވިޔަސް އެ ނަގާތާ އަށްގަޑިއިރު ތެރޭގައި ހަލާކުވާން ފަށާނެ އެވެ. ޑރ. ބޮޑްޒިން ވިދާޅުވީ އޭނާ ދުވެފައި ގޮސް އެ ފުރަމޭ ލާފައިވާ އައިސް ބޮކްސް ހިފައިގެން އައިސް ޓްރާންސްޕްލާންޓްކޮށް ނިންމާލެވުނުއިރު އެ ނެގިތާ ގާތްގަނޑަކަށް ނުވަ ގަޑިއިރު ވާން ކައިރިވެއްޖެ އެވެ.
ނަސީބަކުން ލިވާ ޓްރާންސްޕްލާންޓް ކާމިޔާބުކަން އެނގުމުން ވަރަށް އުފާވިކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.