މަރުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ)ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު 30 ދުވަސް ދީފި އެވެ.
ކްރިމިނަލް ކޯޓުން ނިޒާމުގެ ބަންދަށް މިދިޔަ ޖެނުއަރީ ހަތަރުވަނަ ދުވަހު ދިން 60 ދުވަސް ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކޮށް ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށެވެ. ނަމަވެސް ނިޒާމުގެ މައްޗަށް ދައުވާ އުފުލާފައިވާތީ ކޯޓުން ނިންމީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ދިނުމަށެވެ.
ނިޒާމު ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ސާބިތުކުރަން ބޭނުންވާ ހެކި ނެތް ކަމަށް ބުނެފަ އެވެ.
ތެޔޮ ބޯޓެއްގައި ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ފުރި ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އާއްމުކުރީ ޑިސެމްބަރު 30 ވަނަ ދުވަހުގެ ރެ އެވެ. ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ މުހައްމަދު ނިޒާމުގެ އިތުރުން ބަންގްލަދޭޝްގެ މުހައްމަދު ލިޓަން (35 އ) އެވެ.
އެ ދެމީހުން ހޯދުމަށް ފުލުހުން މާލެތެރެވެސް ބަލަމުން ދަނިކޮށް ނިޒާމުއާ އެކު ފޮޓޯއެއް ނަގައި އާންމުންގެ މީހަކު ވަނީ މިދިޔަ ހޯމަ ދުވަހު ފޮޓޯ އާންމުކޮށްފަ އެވެ. ނަމަވެސް، ލިޓަން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހާ އަދިވެސް ފެނިފައެއް ނުވެ އެވެ.
ލިޓޮންގެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ނިޒާމުގެ މައްޗަށް ތިން ދައުވާއެއް އުފުލާފަ އެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ވައްކަންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުގައި "ހެދޭކުރި" ކިޔާ ތެޔޮ ބޯޓެއްގައި ނިޒާމުއާ އެކު ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓޮން މަރާލީ އޭނާގެ އަތުގައި ހުރި ބައިލައްކަ ރުފިޔާގެ ބޭނުމުގައި މޫދަށް ކޮއްޕާލައިގެންނެވެ.