ދުނިޔެ

ތުރުކީގެ ރިޔާސީ އިންތިހާބުގެ ކުރިން ފައިޓަރު ޖެޓު ނުވިއްކަން އެެމެރިކާ ނިންމައިފި

ތުރުކީ އާއި އެެމެރިކާއާ ދެމެދު މިހާރު އޮތް ގުޅުމުގައި -- އެމެރިކާއަށް އެންމެ ރަނގަޅު ގޮތަކީ -- ކުރިއަށް އޮތް ތުރުކީގެ ރިޔާސީ އިންތިހާބު ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަށް ކާމިޔާބު ނުވުމެވެ.

ތުރުކީއަށް މިދާކަށް ދުވަހު އައި ބާރުގަދަ ބިންހެލުންތަކަށް ފަހު ސަރުކާރުން ރިޔާސީ އިންތިހާބު ފަސްކޮށްފާނެ ކަމަށް ޚަބަރުތަކުގައި ވަނިކޮށް އުރުދުޣާން ވިދާޅުވީ ކުރިން ވެސް ހަމަޖައްސާފައި އޮތް ތާރީޚުގައި -- މެއި 14، 2023 ގައި އިންތިހާބު އޮންނާނެ ކަމަށެވެ.

އެމެރިކާގައި އުފައްދާ އެފް-16ގެ ފައިޓަރު ޖެޓްތައް ތުރުކީއަށް ވިއްކަން އެމެރިކާއިން އާނބަސް ބުނެ އަދި އެއަށްވާ ފައިސާއިން ބޮޑުބައި ނެގުމަށް ފަހު ވަނީ ވައުދުވި ގޮތާ ހިލާފުވެފަ އެވެ. އަދި ގަސްދުގައި ޖެޓްތައް ފޯރުކޮށްދިނުން އެތައް ފަހަރަކު ވަނީ ލަސްކޮށްފަ އެވެ.

އެމެރިކާގެ އޮފިޝަލުން މިހާރު ވިދާޅުވަނީ ކޮންގްރެސް -- ގާނޫންހަދާ މަޖިލީހުން ފާސްކޮށްގެން ނޫން ގޮތަކަށް ތުރުކީއަށް ފައިޓަރު ޖެޓްތައް ވިއްކެން ނެތް ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ މި މޭރުމުން ވާހަކަދައްކަވައި ތުރުކީއަށް އުންމީދު ހަނިވާ ގޮތަށް ނޫސްތަކަށް ޚަބަރުދެއްވާފަ އެވެ.

ތުރުކީއަށް ފައިޓަރު އެމެރިކާއިން ނުވިއްކި ނަމަވެސް އަންކާރާއަށް ގޮތް ހުސްނުވާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. ރަޝިއާގައި އުފައްދާ ފައިޓަރު ޖެޓްތަކަކީ ވެސް ތުރުކީއަށް ފުރުސަތެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުން ރިޔާސީ އިންތިހާބުގައި އުރުދުޣާންގެ ސިޔާސީ ހަޔާތައް އަންނަ ބަދަލަށް ބަލާފައި ނޫނީ ތުރުކީއަށް ފައިޓަރު ޖެޓް ވިއްކުން ބުއްދިވެރި ނޫނެވެ.

އުރުދުޣާންގެ ބަދަލުގައި -- އެމެރިކާއިން ޖަހާހާ ބެރަކަށް ނަށާ ލީޑަރަކު ތުރުކީގައި ގޮވާންކުރުމަކީ އެމެރިކާއަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބެއް ގޮތުގައި އެބައި މީހުން ދެކެ އެވެ.

ތުރުކީން ދައްކާފައި ހުރި ފައިސާއަށް ވާ އަދަދަށް ފައިޓަރު ޖެޓް ފޯރުކޮށްދޭ އަންކާރާއިން އެދުނު ނަމަވެސް އެމެރިކާއިން އެކި ފަހަރު ދައްކަނީ އެކި ސަބަބެވެ. މީގެ ކުރިން ބުނީ ފިންލޭންޑާއި ސްވިޑަން ނޭޓޯގައި ބައިވެރިވާން ތުރުކީން ރުހުންދިނުމުން ނޫނީ ފައިޓަރު ޖެޓް ނުވިއްކާނެ ކަމަށެވެ.