ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކުރީގެ ނައިބު ރައީސް ޖަމީލް އަލުން އެމްޑީޕީއާ ގުޅެނީ

Jan 30, 2016

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ. އަދި އޭނާގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ކުރީގެ ދެ ވަޒީރުން ކަމަށްވާ އަބްދުﷲ އަމީން އާއި ޖަލީމް އަށް ބޮޑު ބޭބެ ވިދާޅުވާ މުހައްމަދު މަލީހު ޖަމާލު ވެސް އެމްޑީޕީއާ ގުޅިވަޑައިތުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖަމީލް އާއި މަލީހު އަދި އަމީން މީގެ ކުރިން 2008 ވަނަ އަހަރު އެމްޑީޕީއާ އެކު މަސައްކަތް ކުރި ނަމަވެސް، އޭރު އުފެދުނު އެމްޑީޕީގެ ސަރުކާރަށް ފާޑު ވިދާޅުވެ، އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ފެއްޓެވި އެވެ. އަދި ފެބުރުއަރީ ހަތެއްގައި ނަޝީދުގެ ވެރިކަން ފުރޮޅުނީ އެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވުމަށް ފަހު، ޖަމީލް އެ މަގާމުން ވަކި ކުރެއްވުމުން، އޭނާ ސަރުކާރާ ދެކޮޅަށް ފެއްޓެވި މަސައްކަތް ކަމަށް އެމްޑީޕީ އިން ސިފަކޮށްފައިވެ އެވެ.

ބޭސްފަރުވާއަށް އިނގިރޭސވިލާތުގައި ހުންނެވި ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތްތައް އެއްގަލަކަށް އެރުވުމަށް އެމްޑީޕީ އިން ކުރާ މަސައްކަތަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ޖަމީލަށް ވެސް ނަޝީދު ވަނީ މަރުހަބާ ދަންނަވައިފަ އެވެ. ޖަމީލް އަކީ ނަޝީދަށް އެންމެ ވަރުގަދަ އަށް އިންޒާރު ދެއްވައި ފާޑު ވިދާޅުވި އެއްބޭފުޅާ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވަމުން ޖަމީލް ވަނީ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވިޔަސް ވެރިކަން ހަވާލު ނުކުރާނެ ކަމަށް ބުނެ ނަޝީދާއި އެމްޑީޕީއަށް ގޮންޖައްސަވައިފަ އެވެ. އަދި ނަޝީދު ދެންވެސް ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށް ޖަމީލު ވިދާޅުވެފައިވެ އެވެ.

ޔޫކޭގައި ހުންނެވި ޖަމީލް ދުވަހު ނޫސް ހަވީރަށް ދެއްވި އިންޓަވިއުގައި ވެސް މިއަދު ވިދާޅުވީ އޭނާ އެމްޑީޕީއާ އެކު މަސައްކަތް ކުރައްވަން ނިންމެވީ، މި ސަރުކާރުން ރައްޔިތުންނާ ޖައްސާ ދަތިހާލުން ސަލާމަތްކޮށް ގައުމު އޮމާން އައްސޭރިއަކަށް ގެންދަން ކަމަށެވެ. އަދި ޖަމީލް އާ ހަވާލާދީ ހަވީރު ނޫހުން ބުނެފައި ވަނީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އާއި ޔޫތް މިނިސްޓަރުކަން ކުރެއްވި މަލީހު އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީ އިން އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި އެކަން އިއުލާން ކުރައްވާނެ ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ. ޖަމީލު މި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަން ފެއްޓެވީ ނައިބު ރައީސްކަން ގެއްލުނު ހިސާބުން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރެއްވުމަށް ފަހު އެވެ.