ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި އަންހެން މެންބަރުން އިތުރުކުރުމަށް އެދިވަޑައިގެންފި

Mar 8, 2023
1

ގާނޫނުއަސާސީ އިސްލާހުކޮށްގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އަންހެން މެންބަރުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި އަންހެން މެންބަރުން ހިމެނިގެންދާނެ ގޮތާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުން މިއަދު ފުންކޮށް ވިސްނާކަމީ އެމަނިކުފާނުގެ ހިތްޕުޅުގައި ޝައްކު އުފެދޭ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގައި ހިމެނޭ އަންހެން ބޭފުޅުންގެ އަދަދު އިތުރުކުރުމަށް ގަނޫނުއަސާސީ އިސްލާހުކުރުމުގައި ސިޔަސީ ޕާޓީތަކުގެ ޒިންމާ ބޮޑު ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

"މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެއީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާންޖެހޭނެ. މިމަޖިލީހުގައި މެންބަރުން ތަމްސީލްވާއިރު އަންހެނުންނަށް ހާއްސަ ފަހި ކަމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިއަދު އަޅުގަނޑުމެން އެންމެންވެސް އަނެއްކާވެސް ނިޔަތްގަނެ އަޒުމު ކަނޑައަޅަންވީ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ހިމެނޭއިރު އަންހެން ތިއްބެވީ ހަތަރު މެންބަރުންނެވެ. އަންހެން ހުރިހާ މެންބަރުންވެސް ނިސްބަތްވަނީ އެމްޑީޕީ އަށެވެ.

މަޖިލީހުގައި ތިއްބެވި އަންހެން މެންބަރުން

  • ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު
  • ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން
  • އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގައި އަންހެން ބޭފުޅުންނަށް ވަކި އަދަދަކަށް ގޮނޑި ހާއްސަ ކުރުމުގެ ބަހުސަކީ މިފަހުން އާންމު ބަހުސެކެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ހަގީގަތަކަށް ހެދުމަށް އެދެވޭ މަސައްކަތްތަކެއް ސަރުކާރުން ވެސް އަދި މަޖިލީހުންވެސް ކޮށްފައެއް ނުވެ އެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވަނީ ލޯކަލް ކައުންސިލްތަކުގައި 33 ޕަސަންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށް އެ ގޮނޑިތަކަށް އަންހެން ކައުންސިލަރުން ހޮވާފަ އެވެ.