ކްރިމިނަލް ކޯޓް

ހަތް މިލިއަން ރުފިޔާގެ ޑްރަގާއި ހަވާލުވި މީހަކު ދޫކޮށްލައިފި

Mar 8, 2023

ވައިގެ މަގުން ރާއްޖެ އެތެރެކުރި 7.7 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ ހަވާލުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ދިވެހިންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މިމީހުންގެ މައްޗަށް ތުހުމަތު ކުރަނީ ޑިސެމްބަރު 24، 2022 ގައި ބްރެޒިލުން ރާއްޖެއައި މީހަކު ގެނައި ދެ ކިލޯއަށްވުރެ ގިނަ ކޮކެއިންއާ ހަވާލުވިކަމުގެ ތުހުމަތެވެ. މި މައްސަލާގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރީ ސްވިޓްޒަލެންޑްގެ އުމުރުން 59 އަހަރުގެ ފިރިހެނެކެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ގޮތުން އެ ތަކެތި ގެނައި މިހާއާ އެއްވެސް މުއާމަލާތެއް އަދި މުވާސަލާތެއް ހިންގިކަން އެނގެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ބަންދުން ދޫކޮށްލި މީހާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށާއި ނަމަވެސް މަސްތުވާތަކެތި ގެނައި މީހާ ހުރި ތަނަށް ދާން ޖެހުނު ސަބަބާއި ކަން ހިނގާފައިވާ ގޮތަށް ބަލައި މައްސަލައިގައި ހުކުމް ކުރެވެންދެން އެ މީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

އެ މީހާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި ފުލުހުން އިތުރު ހެކި ހުށަނާޅާ ކަމަށް ހުކުމްގައިވެ އެވެ.

މަސްތުވާތަކެއްޗާ ހަވާލުވިކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކުރީ ފުލުހުން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއްގަ އެވެ.