ބޮލީވުޑް

"ޚަތުރޯން ކޭ ކިލާޅީ"ގައި ބައިވެރިވާން ބޮޑު އަގެއް ހުށަހެޅި: ސަނާ

އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެންބޭނުންވާތީ ސަނާ ޚާން ފިލްމީ މަސައްކަތަށް މިހާރު ވަނީ އަލްވަދާއު ކިޔާފަ އެވެ. ނަމަވެސް ސަނާ ލައްވާ އަދިވެސް ޓީވީ ޝޯ ތައް ކުޅުވަން ބޭނުންވެގެން އެކި ޕްރޮޑިއުސަރުން ބޮޑެތި ހުށަހެޅުންތައް އޭނާއަށް ހުށަހަޅަމުންދާ ކަމަށް ސަނާ ބުނެފި އެވެ.

ސަނާ ބުނި ގޮތުގައި ކަލާޒް ޓީވީން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ "ޚަތުރޯން ކޭ ކިލާޅީ"ގައި ބައިވެރިވާ މަތިން އޭނާއަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުށަހެޅި އެވެ.

އެ ޝޯ ގަބޫލުކުރިނަމަ ކޮންމެ އެޕިސޯޑަކަށް އޭނާއަށް އެތައް ލައްކަ ރުޕީސް އެއް ލިބުނީހެވެ. ނަމަވެސް ފައިސާއަށްޓަކައި ސަނާގެ ނިންމުން ބަދަލުކުރަން އޭނާ ތައްޔާރެއް ނޫނެވެ.

ސަނާ ބުނި ގޮތުގައި ޓީވީ އާއި ފިލްމުތަކުން ގިނަ އަދަދެއްގެ ފުރުސަތުތައް ލިބެމުން ދަނިކޮށް އެ ހުރިހާ ކަމެއް ދޫކޮށްލީ ﷲގެ އެންގެވުންތަކަށް ބޯލަނބައި ކިޔަމަންވުމަށެވެ.

"އޭރު ރޯދަ މަސް މަހުވެސް އަހަރެންނަށް އަބަދު ބިރުވެރި ހުވަފެން ފެނޭ. އަހަރެންގެ ކައްވަޅުގައި އަލިފާން ރޯވެ އަނދާ މަންޒަރު ގިނައިން ފެންނަނީ. އަހަރެންނަށް ހޭލެވޭއިރު ވަރަށް ބާރަށް ހަޅޭއްލެވި ލެވި އޮންނަނީ. ދެން ބިރުން ގޮސް އެ ރެއަކު ނުވެސް ނިދޭ. އެގޮތަށް ހަފުތާއެއް، 10 ވަރަކަށް ދުވަހަށް ވެސް މިފަދަ ހުވަފެންތައް ފެނުމުގެ ސިލްސިލާ ކުރިއަށް ދިޔަ،" ސަނާ ބުންޏެވެ.

ސަނާ ކިޔައިދިން ގޮތުގައި އޭރު މި ވާހަކަތައް ހިއްސާކޮށްލާނެ މީހަކު އޭނާއަކަށް ނުވެ އެވެ. ސަބަބަކީ އެ ވާހަކަ ދެއްކޭ މީހެއްގެ ގޮތުން މީހުން އޭނާ ޖަޖުކުރަން ފަށާފާނެ ކަމަށް ބިރުންނެވެ.

"މީހުން ބުނާނެ މީގެ ދެ ދުވަހެއް ކުރިން ވަރަށް ގަދަޔަށް ނަށަން ހުއްޓޭ. ދެން މިހާރު ކީކޭހޭ އެ ކިޔަނީ،" ސަނާ ބުންޏެވެ.

ސަނާގެ ހަޔާތަށް ދެން އައީ އޭނާގެ މިހާރުގެ ފިރިމީހާ އެވެ. އޭނާ އަކީ އިސްލާމް ދީން ވަރަށް ރަނގަޅަށް އުނގެނިގެން ހުރި ދަންނަ ބޭކަލެކެވެ. އެހެންވެ ކައިވެންޏަށްފަހު ބުރުގާ އަޅައި، އުމުރާ އާއި ހައްޖުވެ އިސްލާމް ދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން އުޅުމަށް ސަނާ އަށް ފަސޭހަވި އެވެ.