ފޮރިން މިނިސްޓްރީ

މިނިސްޓަރުންގެ ވަފުދަށް ޖަރުމަނު ވިސާ ލިބުނު: ފޮރިން

ސަރުކާރުގެ ފަރާތުން ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކަން ރާއްޖެއިން ދަތުރު ކުރައްވާ މިނިސްޓަރުންގެ ވަފުދަށް ޖަރުމަނު ވިސާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނީ، މިނިސްޓަރުންގެ ވަފުދަށް ޖަރުމަނުގެ ވިސާ ދޫކުރަން އެގައުމުން ދެކޮޅުހެދި ކަމަށް މީޑިއާގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ. ރާއްޖޭގެ ނޫޙެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުގެ ވަޒީރުންގެ ވަފްދަކަށް ވިސާ ނުލިބުމުގެ ސަބަބުން ޖަރުމަނަށްދެވޭ ގޮތް ނުވެފައިވާ ކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖެއިން ބޭރަށް މިހާރު ދަތުރު ކުރަން ގެންދާ ވަޒީރުންގެ ޓީމަށް ވިސާ ލިބިފައިވާ ކަމަށާއި، ވިސާ ދިނުމަށް ޖަރުމަނުން ހުރަސް އަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އައިއެސް އަށް ނިސްބަތްވާ ކަމަށް ބެލެވޭ ބަޔަކު ދާދި ފަހުން ޕެރިހަށް ދިން ހަމަލާއާ ގުޅިގެން ވިސާ ހޯދުމުގެ ކަންކަން ޖަރުމަނުން ބޭރުގެ ހުރިހާ ފަރާތްތަކަށް ކުރިއަށްވުރެ ހަރުކަށި ކޮށްފައިވާ ކަމަށެވެ.

"ޕެރިހަށް ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާ އަށްފަހު ޖާމަން ވިސާ ހޯދަން ކުރަންޖެހޭ މަސައްކަތް ކުރިއަށް ވުރެ މިވަނީ އެގައުމުން ސެކިއުރިޓީ ސަބަބު ތަކަށްޓަކައި އިތުރުކޮށްފަ. އެއީ ވަކި ރާއްޖެއަކަށް ނޫން. އަދި ރާއްޖޭގެ ޑިޕްލޮމޭޓުންނަކަށް ވެސް ނޫން. ހުރިހާ ގައުމަކަށް ވެސް އެ ކަން އޮތް ގޮތް،" އޭނާ ވިދާޅުވި އެވެ.

ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރެއްވުމަށް ރާއްޖެއިން ބޭރަށް މިހާރު ފުރާވަޑައިގެންފައިވާ ސަރުކާރުގެ މިނިސްޓަރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރުގެ އިތުރުން ފޮރިން ސެކެޓްރީ ޑރ. އަލީ ނަސީރެވެ. އެ ބޭފުޅުން ވަނީ މިދިޔަ ހުކުރު ދުވަހު ލަންކާއަށް ވަޑައިގެން އެގައުމުގެ ސަރުކާރާއި އެގައުމުގެ ނޫސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.