ދުނިޔެ

ޖަރުމަނު ސިފައިންގެ ވެރިޔާ މަގާމުން ދުރުކޮށްފި

ޖަރުމަނުގެ ދިފާއީ އިދާރާ ބުންޑެސްވެއާގެ ވެރިޔާ -- އިބަހާޑް ޒޯން، 63، އިސްތިއުފާ ދެއްވަވައިފި އެެވެ.

ޚަބަރުތައް ބުނާ ގޮތުން އިބަހާޑްގެ މަގާމަށް ދިފާއީ ވަޒީރު ބޮރިސް ޕިސްޓޯރިއަސް މިހާރު ވަނީ އިންސްޕެކްޓާ ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވާފަ އެެވެ. އެއީ މޭޖާ ޖެނެރަލް ކާސްޓަން ބްރޫއާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިބަހާޑް ޒޯން އިސްތިއުފާ ދެއްވީ ދިފާއީ ވަޒީރު މެދުވެރި ކުރައްވައި ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ޕްރެޝަރު ކުރައްވައިގެންނެވެ.

ޖަރުމަނުގެ ނޫސްތައް ބުނާ ގޮތުން އިބަހާޑް އިސްތިއުފާ ދެއްވީ އިސްތިއުފާ ދެއްވަން އޮންނަ ޝަރުތުތައް ހަމަނުވަނީސް -- އެއަށް ވުރެ މާކުރިންނެވެ.

ކާސްޓަން ބްރޫއާ، 59، މިގެ ކުރިން ހުންނެވީ ޖަރުމަނުގެ ސިފައިންގެ ތެރޭގައި އޮންނަ ގައުމީ ސިފައިންގެ އޮޕަރޭޝަންތަކުގެ ވެރިޔާގެ މަގާމުގަ އެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑް ތެރޭގައި ޖަރުމަނުގެ ސިފައިން ކޮޅުކޮޅަށް ފޮނުވައި އެމެޖެންސީ ހާލަތު ބެލެހެއްޓެވުމުގައި ބްރުއާ ވަރަށް ބުރަކޮށް މަސައްއްކަތް ކުރެއްވި ކަމަށް ނޫސްތައް ބުނެ އެވެ.

އިބަހާޑް ޒޯން މަގާމުން ދުރުކުރުމާ ބެހޭ ގޮތުން ޖަރުމަނު ސަރުކާރުން ރަސްމީކޮށް މައުލޫމާތު ދީފައެއް ނުވެ އެވެ. އެހެންނަމަވެސް، އޭނާ މަގާމުން ދުރުކުރުމާ މެދު ޚަބަރުތައް ބުނަނީ، އޯލަފް ޝޯލްގެ ސަރުކާރުން ޔުކްރޭނާ މެދު ގެންގުޅޭ ސިޔާސަތަށް އޭނާ ފާޑުވިދާޅުވީ ކަމަށެވެ.

ޖަރުމަނުގައި، އަމިއްލަ ދިފާއުގައި ބޭނުންކުރާ ވަަރަށް ހަތިޔާރު ނެތިގެން އުޅޭއިރު ޔުކްރޭނަށް ދޭނެ ހަތިޔާރު ނެތް ކަމަށް އިބަހާޑް ވިދާޅުވި ކަމަށް ވެއެވެ. އަދި ޖަރުމަނުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ބުއްދިވެރިކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި ކަމަށް ވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފޯކަސް މަޖައްލާއަށް އިބަހާޑް ޒޯން ދެއްވި އިންޓަވިއުއެއްގައި ޔުކްރޭނަށް ތައުރީފްކުރައްއްވައި ވާހަކަދެއްކެވި އެވެ. އަދި ހަނގުރާމަ ދިގުލައިގެން ނުދާނެ ގޮތަކާ މެދު ވިސްނުމަށް ވެސް ގޮވާލެއްވި އެވެ.