ހަބަރު

ހަނިމާދޫ ނަރުދަމާގެ މަސައްކަތް އަހަރު މެދުތެރޭ ނިމޭނެ: ކައުންސިލް

ދެހާސް ތޭރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށި، ހދ. ހަނިމާދޫގެ ނަރުދަމާގެ މަސައްކަތް މިއަހަރުގެ މެއި ނުވަތަ ޖޫން ހިސާބުގައި ނިންމާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފި އެވެ. އެރަށުގެ ނަރުދަމާގެ މަސައްކަތް މިހާރު އޮތީ މެދުކެނޑިފަ އެވެ.

ހަނިމާދޫ ރަށު ކައުންސިލު އިދާރާގެ އޮފިޝަލެއް ކަމަށްވާ އިބްރާހިމް އަލީ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ނަރުދަމާގެ މަސައްކަތް މެދު ކެނޑުނީ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި މަދުވުމުގެ އިތުރުން އެހެން ބައެއް ސަބަބުތައް ވެސް ދިމާވެގެން ކަމަށް މަސައްކަތް ކުރިއަށް ގެންދިޔަ ނޫމަޑި ޕްރައިވެޓް ލިމިޓެޑުން އަންގާފައިވާ ކަމަށެވެ.

"ބައެއް ތަކެތި މަދުވުން އެއީ އެއް ސަބަބު. މަސައްކަތް ހުއްޓުނު ދުވަސްކޮޅު ތަކެތި ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ. ފަހުން ވީ ގޮތެއް ނޭނގޭ." އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ މަސައްކަތް އަނެއްކާވެސް މަސައްކަތް ފެށުމަށް، މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި މިއަހަރުގެ މެއި ނުވަތަ ޖޫން އަށް އެމަސައްކަތް ނިންމާނެ ކަމަށް ނޫމަޑި ކުންފުނިން މައުލޫމާތު ދޭ ކަމަށެވެ.

ހަނިމާދޫ ނަރުދަމާގެ މަސައްކަތް މެދުކެނޑުމާއި ގުޅިގެން އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ކައުންސިލް އިދާރާ ދޮށަށް އެއްވެ އިހްތިޖާޖް ކޮށްފަ އެވެ. އަދި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ ހަނިމާދޫ އަށް ވަޑައިގެން ނަރުދަމާގެ މަސައްކަތުގެ ގާތްގަނޑަކަށް 60 ޕަސެންޓް ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ނިމިފައިވާ މުހިންމު ބައެއް މަސައްކަތްތަކުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގެ ގޭގެއަށް ނަރުދަމާގެ މައި ހޮޅި ގުޅައި އަދި އެ ހޮޅިތައް ވަޅުލައި ނިންމާލާފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް ތިން ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިންމައި "މެއިން ސީ އައުޓްފޯލް" އަށް ބޭނުންވާ ހުރިހާ ޕަމްޕް ސްޓޭޝަންތަކާއި އޭގެ ވޭލްސް ޗެމްބަރުތައް ހަދައި ނިމިފައިވާ ކަމަށް އެދަތުރުފުޅުގައި މިިނިސްޓަރުވަނީ ވިދާޅުވެފަ އެވެ.

އަދި މީގެ އިތުރުން އިބްރާހިމް ވިދާޅުވީ ހަނިމާދޫގައި ތާރަ އަޅައިގެން ހަދަން ހަމަޖެހިފައިވާ މަގުތަކުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް ސީދާ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ. ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ފައްޓަވައި ދެއްވާފަ އެވެ. އަދި އެމަސައްކަތް 4 ނުވަތަ 5 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"މަގުތަކުގެ މަސައްކަތް ފެށުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ބިންގާ އަޅުއްވައި ދެއްވުމުން މަސައްކަތަށް ބޭނުންވާ ވެހިކަލް އާއި އެއްޗެހި އޭރު އެމްއާރުޑީސީ އިން ގެނައި، ފަހުން އޭއްޗެހި ބަދަލުކުރީ ކުޅުދުއްފުށީ ސައިޓަށް. މިހާރު އެބަހުރި ހިލަޔާއި ހިލަވެއްޔާއި، 400 ފީފާ ތާރަ ގެނެސްފަ. އެހެން މަސައްކަތެއް އަމަލީ ގޮތުންނެއް ކުރެވެމުންނެއް ނުދޭ." އިބްރާހިމް ވިދާޅުވި އެވެ.

އެމަސައްކަތް ހުއްޓިފައިވަނީ މަސައްކަތުގައި މައްސަލަތަކެއް ހުރެގެން އޭސީސީން އެމަސައްކަތް މެދުކަނޑާލަން އަންގައިގެން ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި މިހާރު އެއްވެސް މައްސަލައެއް ނެތް ކަމަށް އޭސީސީން އަންގާފައިވާތީ އެމްއާރްޑީސީން އެމަސައްކަތް ފެއްޓީ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫގައި 6.46 ކިލޯ މީޓަރުގެ މަގު ހެދުމަށްވަނީ ހަމަޖެހިފަ އެވެ. އެއީ ބަނދަރާއެކު ޖުމްލަ 21 މަގެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ ޝިޔަރާ ޕްރައިވެޓް ކޮމްޕެނީ ލިމިޓެޑާ ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެ އެވެ.