އަހުމަދު ޝިޔާމް

ރޯދަ އިނާޔަތް ބޮޑުކުރަން ގޮވާލާ މައްސަލަ ބޭރުކޮށްލައިފި

ރޯދަ މަހުގެ އިނާޔަތް 3،000 ރުފިޔާއަށްވުރެ ބޮޑުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.

ރޯދަ މަހަށް ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ރައްޔިތުންގެ އަތްނުފޯރާ ފަށަށް ކާބޯތަކެތީގެ އަގުތައް އުފުލިފައިވާކަން ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ރޯދަ މަހުގެ އިނާޔަތް ދިނުމަށް މިހާރު އެކުލަވާލާފައިވާ ވަޒީފާއާބެހޭ ގާނޫނު އަލުން މުރާޖައާކޮށް ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިންފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށްވެސް ރޯދައިގެ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމުކޮށް އެ ހުރިހާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

މައްސަލައާ ދެކޮޅަށް 27 މެންބަރުން ވޯޓު ދެއްވިއިރު މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ.