އެޗްޑީސީ

އެޗްޑީސީގެ ބިމެއް އެ ކުންފުންޏަށް ނޭނގި އެއްމިލިއަން ރުފިޔާއަށް ވިއްކާލައިފި

Mar 15, 2023

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައި އޮތް ބިމެއް އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް އެ ކުންފުނީގެ މުވައްޒަފަކު އެއް މިލިއަން ރުފިޔާއަށް ބިން ވިއްކާލައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހްމަދު މިމްރާހު ވިދާޅުވީ ބިން ވިއްކާލި މައްސަލަ ފާހަގަވީ ކުންފުނީގެ އިންޓާނަލް އޮޑިޓެއްގެ ތެރެއިން ކަމަށެވެ.

މިމައްސަލައިގައި ކުންފުނީގެ މުވައްޒަފަކު ވަގުތުން ސަސްޕެންޑްކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް މިމްރާހް ވިދާޅުވި އެވެ.

"މިއީ މިވަގުތުވެސް ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ އިތުރު މައުލޫމާތު މިވަގުތު ހިއްސާކުރެވޭކަށް ނެތް،" މިމްރާހް ވިދާޅުވި އެވެ.

ބިން ވިއްކުމުގެ މި މުއާމަލާތުގައި އެޗްޑީސީގެ އިތުރު މުވައްޒަފެއްގެ ބައިވެރިވުން ނެތް ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މިއަހަރުގެ ކުރީކޮޅު މި ބިން ވިއްކާލުމަށްފަހު ބިމުގެ ރަޖިސްޓްރީއެއް ވެސް ވަނީ ހަދާފަ އެވެ. އެކަމަކު ބިމުގެ ބޮޑުމިން ސާފުވާގޮތެއް ނުވި އެވެ.

ބިމުގެ މުއާމަލާތް ހިންގާފައިވާ އެޗްޑީސީގެ މުވައްޒަފަކީ މީގެކުރިންވެސް މިފަދަ މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިވާ މުވައްޒަފެއް ކަމަށް އިތުބާރު ހުރި ފަރާތްތަކުން ޔަގީންކޮށްދީފައިވެ އެވެ.