އެލައިޑް އިންޝުއަރެންސް

އެލައިޑްގެ އަހަރީ ދުވަހު އުފަންވި ކުދިންނަށް އިންޝުއަރެންސް ދޭން ނިންމައިފި

އެލައިޑް އިންޝުއަރެންސްގެ އަހަރީ ދުވަހު ރާއްޖޭގައި އުފަންވި ހުރިހާ ކުދިންނަށް އިންޝުއަރެންސް ޕްލޭނެއް ދޭން އެލައިޑުން ނިންމައިފި އެވެ.

މިއީ އެލައިޑްގެ 31 ވަނަ އަަހަރީ ދުވަހާއި ގުޅިގެން ދޭން ނިންމި ޕްލޭޏް އެކެވެ. އެލައިޑްގެ އަހަރީ ދުވަހަކީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އިއްޔެ އުފަންވީ ކުދިންނަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭން ލިބޭނެ ކަމުގެ އެޝުއަރެންސް ލެޓާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ މި ޕްލޭންގެ ދަށުން އިންޝުއަރެންސް ލިބޭނީ ހަމައެކަނީ މާލޭގައި އުފަންވި ކުދިންނަށް ނޫން ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުފަންވި ކުދިންނަށް އިންޝުއަރެންސް ލިބޭނެ ކަމަށެވެ.

އެގޮތުން އުފަންވީ ކުދިންގެ ރެކޯޑް ހިފައިގެން ބެލެނިވެރިން އައުމުން އިންޝުއަރެންސް ޕްލޭން ލިބޭނެ ކަމަށް ނައުޝާދު ވިދާޅުވި އެވެ. ނައުޝާދު އިތުރަށް ވިދާޅުވީ އިންޝުއަރެންސް ޕްލޭން ކުންފުނިން ހިލޭ ތިން މަސްދުވަސް ދޭނެ ކަމަށާއި އޭގެ ފަހުން ޕްލޭން ކުރިއަށް ގެންދިއުމުގެ އިހްތިޔާރް ބެލެނިވެރިޔާއަށް ލިބިގެންވާ ކަމަށެވެ. އެއީ އޭގެ ފަހުގައި ޕްލޭން ކުރިއަށް ގެންދަން ޕްރެމިއަމް ދައްކަން ޖެހޭނެތީ އެވެ.

އިއްޔެ އައިޖީއެމްއެޗުގައި ފަސް ކުދިން އުފަންވިއިރު އޭޑީކޭގައި އުފަންވީ ހަތް ކުދިންނެވެ. އެލައިޑުންވަނީ އެކުދިންގެ ކައިރިއަށް ޒިޔާރަތްކޮށް ޗައިލްޑް އެކްސްޕެންސަސް އެޑިއުކޭޝަން ޕްލޭން ލިބޭނެ ކަމުގެ އެޝުއަރެންސް ލެޓާއާ އެކު ތުއްތު ކުދިންނަށް އެ ކުންފުނިން ހަދިޔާ ޕާރުސަލެއް ހަވާލުކޮށްފަ އެވެ.

މި ޕްލޭން އަކީ ޕްލޭންގައި ބައިވެރިކޮށްފައިވާ ކުދިންގެ އުމުރުން 18 އަހަރު ވުމުން އެ ކުދިންގެ މަތީ ތައުލީމަށް ހަރަދު ކުރުމަށް ޕްލޭން ނެގި ފަރާތްތަކުން އިޚުތިޔާރުކޮށްފައިވާ އަދަދަށް ފައިސާ ލިބޭ ޕްލޭން އެކެވެ. އަދި މިފައިސާ އަކީ ޕްރެމިއަމް ދައްކަން ހުންނަ ބެލެނިވެރިޔާ އަށް ކަމެއް ދިމާވެ، މަސައްކަތް ނުކުރެވޭ ގޮތް ވިޔަސް ނުވަތަ ނިޔާވިޔަސް އަނބުރާ ލިބޭނެ ފައިސާ އެވެ.

އެލައިޑުން ދޫކުރާ ޗައިލްޑް އެޑިޔުކޭޝަން ޕްލޭންގައި ހިމެނެނީ 100،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާގެ ޕޮލިސީ އެވެ. އެގޮތުން 100،000 ރުފިޔާގެ ޕޮލިސީއެއް ނަގާ ނަމަ މަހަކު 650 ރުފިޔާ ދައްކަން ޖެހޭނެ އެވެ.