މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އައިސީޔޫގައި ފަރުވާދެމުންދިޔަ ގައިދީއަކު މަރުވެއްޖެ

ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދިޔަ ޒުވާނަކު، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު ވިދާޅުވީ ޖަލު ހުކުމް ތަންފީޒު ކުރަމުން އައި ސ. ހުޅުދޫ ވިޝާހު އަލީ، ހުން އައިސްގެން މިމަހު 27 ގައި އައިޖީއެމްއެޗް އިން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށާއި އަދި އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުފަހު 2:30 އެހާކަންހާ އިރު މަރުވި ކަމަށެވެ.

"އެންމެ ފުރަތަމަ އޭނަ ޑޮކްޓަރަށް ދައްކަން ގެންދިޔައީ ހުން އައިސްގެން. ދެން އޭނަ މާލޭގެ ޑޮކްޓަރަކަށް ދެއްކުމަށް އިރުޝާދު ދިނުމުން މިމަހު 27 މާލެ ގެނެސް އައިޖިއެމްއެޗް އިން ޑޮކްޓަރަށް ދެއްކީ. ޑޮކްޓަރު ހާލު ބެލުމަށް ފަހު އޭނާ ލިވާ ގެ މައްސަލަ އެއް ހުރި ކަމަށް ފާހަގަ ކުރެވުނު. އެހެންވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވީ،" ރަޒީޒު ވިދާޅުވި އެވެ.

ރަމީޒް ވިދާޅުވީ ގޮތުގައި ވިޝާހުގެ ހާލު ސީރިއަސްވެ އައިސީޔޫއަށް ބަދަލު ކުރިންސުރެއް އޭނާ ބޭރަށް ފޮނުވާލަން ކަރެކްޝަން އިން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

ވިޝާހު އަކީ ވައްކަމުގެ މައްސަލައެއްގައި މީގެ ތިން އަހަރު ކުރިން ޖަލު ހުކުމް ތަނފީޒު ކުރަމުން އައި މީހެކެވެ.