ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓޭޒާ ގަން ބޭނުންކުރާނީ ފުލުހުންގެ ރައްކަލަކަށް: ރައީސް

ޓޭޒާ ގަންއަކީ ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު އެ ކުށްވެރިޔާ އާއި ފުލުހުންގެ ރައްކަލަކަށް ބޭނުންކުރާ އެއްޗެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދުން ފެށިގެން ތިން ދުވަހަށް ކުރިއަށް ގެންދާ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޓޭޒާ ގަންއަކީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"ފަހަރެއްގައިވެސް މިއީ، ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މުޖުތަމައާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައް ބަދަލުވަމުންދާ ކަމަށާއި އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅިވެސް ބަދަލުވަމުންދާ ކަމަށެވެ.

ކުށްތައް ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު ގާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ވެސް ދަނީ ބަދަލުވަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

މިއީ ފުލުހުންގެ ތައްޔާރީ ހާލަތަށް ބަދަލު ގެންނަން މަޖުބޫރު ކުރުވާ ސަބަބު ކަމަށާއި އެ ބަދަލުތަކާ އެކަށޭނަ ގޮތަށް ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ފުލުހުންގެ ހިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް އަޅުގަނޑުމެން އެބަ ހޯދަން. އެކަމުގައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެގޮތުން ކުރީ ސަފުގައި ހިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ ދިފާއުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ގާނޫނީ ރައްކާތެރިކަން ވެސް އަދި ޖިސްމާނީ ރައްކާތެރިކަން ވެސް ކަށަވަރުކުރަންޖެހޭ ކަމަށެވެ.