ހަބަރު

ޓީޗަރުންނަށް ފަސްޓް އެއިޑް ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި

ސްކޫލްތަކުގެ ޓީޗަރުންނަށް ފަސްޓް އެއިޑް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ޓީޗަރުންގެ ފަސްޓް އެއިޑް ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދެމެދު އެއްބަސް ވެފައި ވަނީ 2014 ވަނަ އަހަރުގަ އެވެ. އެގޮތުން ބޭއްވޭ ފުރަތަމަ ޕްރޮގްރާމް ފަށާފައިވަނީ މިއަދެވެ. އަދި މި ޕްރޮގްރާމް ފަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ފެށިގެން މިއައި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް މެޑިކަލް ސާވިސްގެ ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގެ މުދައްރިބުން ކަމަށާއި މީގެ ދަށުން ސީޕީއާރު އޭއީޑީ ކޯހާއި ސްކޫލު ކުދިންނާ ގުޅުން ހުރި ފަސްޓް އެއިޑް ކުލާސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓީޗަރުންނަށް ފަސްޓް އެއިޑް ދަސްކޮށްދިނުމުގެ މިއަދު ފެށި ޕްރޮގްރާމުގައި މާލޭގެ 12 ސްކޫލަކުން 22 ޓީޗަރުން ބައިވެރިވި އެވެ. އެގޮތުން އަރަބިއްޔާ ސްކޫލާއި މާޖީދިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި ޤާޒީ ސްކޫލާއި އިމާދުއްދީން ސްކޫލާއި ސެންޓަރ ފޯރ ހަޔަ ސެކަންޑްރީ އެޑިއުކޭޝަނާއި އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ކަލާފާން ސްކޫލާއި ލާލޭ އިންޓަރނޭޝަނަލް ސްކޫލްގެ އިތުރުން ޢިޔާޒުއްދީން ސްކޫލުން ވެސް ޓީޗަރުން ބައިވެރިވި އެވެ.