ކުރެންދޫ

ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަން އެސްޖޭއާ ހަވާލުކޮށްފި

Mar 19, 2023

ޅ. ކުރެންދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމު އެވެ. އެސްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް އެވެ.

ސަރުކާރުން މީގެކުރިން ވަނީ ލ. ގަމުގައި އަޅާ 100 ހައުސިން ޔުނިޓްގެ މަސައްކަތާއި، ސ. ފޭދޫގައި އަޅާ 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް އެސްޖޭއާ ހަވާލުކޮށްފަ އެވެ.

އެސްޖޭ އިން އަމިއްލައަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު 270 ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 95.9 މިލިއަން ރުފިޔާ އެވެ.

މިމަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ. ފޭދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި އިމާރާތް ކުރެވިގެންދާނީ މަލްޓީ ސްޓޯރީ ބިލްޑިންއެއްގައި 50 އެޕާޓްމަންޓާއި ލިފްޓު ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން ގްރައުންޑް ފުލޯގައި ކޮމާޝަލް އޭރިއާއަކާއި ބިލްޑިންގ ސާވިސް އޭރިއާ ހިމެނޭނެ އެވެ. އެޕާޓްމަންޓްތަކުގައި ހިމެނޭނީ ތިން ކޮޓަރި، ފާޚާނަ، ސިޓިން ރޫމު، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.