ހުޅުމާލެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވަގުތީ މިސްކިތަށް ޖާގަ އިތުުރުކުރަނީ

Mar 20, 2023

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެ ސަރަހައްދުގައި ހަދާފައިވާ ވަގުތީ މިސްކިތް -- މަސްޖިދް އުޘްމާން ބިން އައްފާން އަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީއާއި އެޗްޑީސީ ގުޅިގެން ކުރިއަށްދާ މިމަސައްކަތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ވަގުތީ މިސްކިތުގެ ޖާގަ އިތުރުކުރަނީ ރޯދަ މަހަކީ ގިނަ ބަޔަކު އަޅުކަމުގައި ވަގުތު ހޭދަކުރާނެ މަހަކަށްވެފައި ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވެފައިވާތީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.

ވަގުތީ މިސްކިތް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުޅުވީ 600 މީހުންގެ ޖާގައަށް ބަލައިގެންނެވެ. އަލަށް ޖާގަ އިތުރުކުރުމުން އިތުރު 600 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އިސްލާމިކް މިނިސްޓްރީއާއި އެޗްޑީސީން ގެންދަނީ ޖާގަ އިތުރުކުރުމުގެ މަސައްކަތް ރޯދަ މަސް ނިމުމުގެ ކުރިން ނިންމާލުމަށްވެސް މަސައްކަތް ކުރަމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިވަގުތު ތިން މިސްކިތެއް ހުރެ އެވެ. އެއީ އަމިއްލަ ފަރާތަކުން ހަދައިދީފައިވާ މިސްކިތެއްގެ އިތުރުން ވަގުތީ ދެ މިސްކިތެވެ.