ހަބަރު

މަލްޓިސްޓޭކްހޯލްޑާ ޖުޑީޝަލް ސެކްޓާ ލޯ ރިފޯމް ކޮމެޓީ ބައްދަލުވެއްޖެ

Feb 1, 2016

މަލްޓިސްޓޭކްހޯލްޑާ ޖުޑީޝަލް ސެކްޓާ ލޯ ރިފޯމް ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ވާ އަލްއުސްތާޛު ޢަބްދުﷲ ޢަރީފާއި، އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދާއި، އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ބައިވެރި ވެވަޑައިގަތެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން، މި ބައްދަލުވުމުގައި ބައިވެރި ވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރާއި، ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޢަރީފާއި، އެޓާނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލާއި، ޕްރޮސިކިޔުޓާ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމެވެ.

މެންދުރުފަހު 14:00 ގައި ފެށުނު ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި ޤާނޫނު ތަންފީޛު ކުރުމާއި ޢަދުލުއިންޞާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ޓަކައި ޖުޑީޝަރީ އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރާން ޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ.

މަލްޓިސްޓޭކްހޯލްޑާ ޖުޑީޝަލް ސެކްޓާ ލޯ ރިފޯމް ކޮމިޓީ އަކީ ރާއްޖޭގެ ޖިނާއި ޢަދުލުގެ ނިޒާމާއި މަދަނީ ޢަދުލުގެ ނިޒާމާއި ޢާއިލީ ޢަދުލުގެ ނިޒާމުގެ އިތުރުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އުފައްދައިފައި ވާ ކޮމިޓީއެކެވެ.