ފިނިޕޭޖް

ޝަޒާމް! ފިއުރީ އޮފް ދަ ގޯޑްސް" – އަދި އެހާ ނުހިނގާ

ޑީސީ އެކްސްޓެންޑަޑް ޔުނިވާސްގެ 2019 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމް "ޝަޒާމް!" ގެ ދެވަނަ ބައި، "ޝަޒާމް! ފިއުރީ އޮފް ދަ ގޯޑްސް" މިމަހުގެ 17 ގައި ވަނީ ނެރެފަ އެވެ.

ހަތަރު އަހަރުގެ އިންތިޒާރަކަށްފަހު ނެރުނު މި ސިކުއެލް ނެރުނު ހަފްތާ ބަންދުގައި އެޅުވި އެހެން ފިލްމްތަކެކޭ އެއްފަދައިން، "ޝަޒާމް! ފިއުރީ އޮފް ދަ ގޯޑްސް" ވެސް ބޮކްސް އޮފީހުގައި ހީކުރިވަރަށް ނުހިނގަ އެވެ.

މި ފިލްމަށް މާރޗް 19، 2023 އާ ހިސާބަށް އެމެރިކާ އަދި ކެނެޑާ ގެ ބޮކްސް އޮފީހަށް ލިބިފައިވަނީ 30 މިލިއަން ޑޮލަރެވެ. މިއީ އަންދާޒާ ކުރި ވަރަށްވުރެއް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. މިއީ މި ފިލްމްގެ ފުރަތަމަ ބައި "ޝަޒާމް" އަށް ލިބުނު އާމްދަނީ ކަމުގައިވާ 53.5 މިލިއަން ޑޮލަރާ ބަލާއިރު 43 ޕަސަންޓު ދަށް އަދަދެކެވެ. ދުނިޔޭގެ އެހެން ދިމަދިމާލުން "ޝަޒާމް! ފިއުރީ އޮފް ދަ ގޯޑްސް" އަށް 35 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމް ބޮކްސް އޮފީހުގައި ހިނގަގަތުމުގެ ފުރުސަތު އެބައޮތެވެ.

ރޮޓަން ޓޮމާޓޯޒް ރިވިއު ސައިޓްގައި މި ފިލްމަށް ދީފައިވަނީ 54 ޕަސަންޓުގެ ގެ ރޭޓިން އެވެ. އަދި ކޮމެންޓްތަކަށް ބަލާލާއިރު ހިޔާލު ތަފާތުވުންތައް ހުރިއެވެ. މި ފިލްމްގެ ފުރަތަމަ ބަޔަށް 90 ޕަސަންޓު ރޭޓިން ލިބިފައިވެ އެވެ.

"ޝަޒާމް" ގެ ދެ ފިލްމްވެސް ޑައިރެކްޓްކުރީ ޑޭވިޑް އެފް ސޭންޑްބާގް އެވެ.

މި ފިލްމްގައި ޝަޒާމްގެ ރޯލް ކުޅުނީ ޒެކަރީ ލީވައި އެވެ. އަދި ޝަޒާމްގެ 14-އަހަރުގެ އޯލްޓާ-އީގޯ ބިލީ ބެޓްސަންގެ ރޯލް ކުޅުނީ އޭޝަ އޭންޖަލް އެވެ. މީގެ އިތުރުން ޖެކް ޑިލަން ގްރޭޒާ، އެޑަމް ބްރޯޑީ، އިޔާން ޗެން، ރޮސް ބަޓްލާ، މާކް ސްޓްރޯން، ޖައިމަން ހޮންސޫ، ފެއިތް ހާމަން، ގްރޭސް ފުލްޓަން އާއި އިތުރު ތަރިން މި ފިލްމުގައި ހިމެނުނެވެ.

"ޝަޒާމް! ފިއުރީ އޮފް ދަ ގޯޑްސް" ގައި އާ ކެރެކްޓާތަކެއް ތައާރަފްވާއިރު، މި ކެރެކްޓާތައް ކުޅެނީ ހެލަން މިރަން، ލޫސީ ލިއު އަދި ރޭޗަލް ޒީގްލާ އެވެ.