ރެފިއުޖީން

ރެފިއުޖީންގެ ގޮތު ޔޫރަޕަށް އެތެރެވި 10،000 ކުޑަކުދިން ގެއްލިއްޖެ

ރެފިއުޖީން އަދި ހިޖުރަވެރިންގެ ގޮތުގައި ޔޫރަޕަށް އތެރެވި މީހުންގެ ތެރެއިން 10،000 ކުޑަކުދިން ގެއްލިފައިވާ ކަމަށް އީޔޫގެ ފުލުހުން ބުނެފި އެވެ. އީޔޫ ފުލުހުންގެ އެޖެންސީން ވަނީ ސެކްސް ޓްރިފިކިންގެ ތެރެއިން އަޅުންގެ ގޮތުގައި އެކުދިން ވިއްކާލާފައިވާ ކަމަށް ލަފާކޮށްފަ އެވެ.

އެ ކުދިންނަކީ ބޮޑު މީހަކާއި ނުލާ ހިޖުރަކޮށްފައިވާ ކުދިން ކަމަށް ބެލެވެ އެވެ. މިކުދިން ގެއްލިފައިވަނީ ފާއިތުވެދިޔަ 18- 24 މަހާއި ދެމެދު ކަމަށް ފުލުހުން ލަފާކުރެ އެވެ.

އީޔޫ ފުލުހުންގެ އެޖެންސީގެ ޗީފް އޮފް ސްޓާފް ބްރިއަން ޑޮނާލްޑް ވިދާޅުވީ އެކުދިން ގެއްލިފައިވަނީ ޔޫރަޕްގެ ކަމާބެހޭ އިދާރާތަކުގައި އެތެރެވި ކަމަށް ރަޖިސްޓްރީވި ފަހުން ކަމަށެވެ. އަދި ގެއްލުނު ކުދިންގެ ތެރެއިން 5،000 ކުދިން ގެއްލިފައިވަނީ އިޓަލީން ކަމަށެވެ.

"ބައެއް ކުދިން އާއިލާ އާއި ހަވާލުކުރީ ކަމަށް ވެދާނެ. އަހަރުމެންނަކަށް އެކުދިން ވީ ކޮންތާކު ކަމެއް އަދި ތިބީ ކޮން ބައެއްގެ ގާތުގައި ކަމެއް ބުނާކަށް ނޭނގޭ" ބްރިއަން ވިދާޅުވި އެވެ.

މިދިޔަ އަހަރު ޔޫރަޕަށް ރެފިއުޖީންގެ ގޮތުގައި އެތެރެވި މީހުންގެ ތެރެއިން މިލިއަނެއްހާ މީހުންނަކީ ސީރިޔާއިން ހިޖުރަކޮށްފައިވާ މީހުންނެވެ.