ހަބަރު

މީހަކަށް މަރުގެ އިންޒާރު ދީގެން ޝުމްބާއަށް ދައުވާ ކުރަން ފޮނުވައިފި

މީހަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) މައްޗައް ދައުވާ ކުރަން ކޯޓަށް ފޮނުވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ލޯންޗުގައި ބޮން ގޮއްވުމާ ގުޅިގެން ފެށި ތަހުގީގުގައި ސްރީލަންކާއިން ހައްޔަރު ކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝުމްބާގެ މައްޗައް މި ދައުވާ ކުރަން ފޮނުވިކަން ޕީޖީ އޮފީހުން ކަށަވަރުކޮށް ދެއެވެ. ފުލުހުން މިމައްސަލަ ތަހުގީގު ކުރުމަށް ފަހު ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހު 11 ގައެވެ.

ޕީޖީ އޮފީހުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު އާރިފް ވިދާޅުވި ގޮތުގައި އާންމު ފަރާތަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި ކޯޓަށް ދައުވާ ކުރަން ފޮނުވީ މިދިޔަ ހަފްތާގައި ކަމަށެވެ. މަރުގެ އިންޒާރު ދިނީ ކޮން ފަރާތަކަށް ކަން ހާމަ ނުކުރި ނަމަވެސް އާރިފް ބުނީ ކޯޓުގައި އެހުރިހާ މައުލޫމާތެއް އާމު ކުރާނެ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރުގެ ވަރަށް ގާތް މީހެއް ކަމަށްވާ ޝުމްބާއަށް ދައުވާ ކުރަން ފޮނުވާފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހުގައި އޭނާގެ ބަނދުގެ މުއްދަތަށް ވަނީ އިތުރު ހަތް ދުވަސް ޖަހައިފަ އެވެ.