ރައީސް އަބްދުﷲ ޔާމީން

ފުއްގިރި މައްސަލަ މަޑުޖައްސާލަން ވަގުތީ އަމުރަކަށް އެދިއްޖެ

Mar 28, 2023

ރ. ފުއްގިރީގެ މައްސަލައާއި ގުޅޭ ކަންތައްތަކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ ފުއްގިރި މައްސަލާގައި ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ހައިކޯޓުގައި އެދިއްޖެ އެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.

ފުއްގިރީގެ މައްސަލާގައި ރައީސް ޔާމީން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި އޮތް ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅުއްވަންޖެހޭ ހުށަހެޅުއްވުންތަކެއް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި މައްސަލަ އެވެ.

ހައިކޯޓުގައި މިއަދު އޮތް އިސްތިއުނާފް އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ އަބްދުﷲ ޝިޔާޒު ވިދާޅުވީ ފުއްގިރިއާ ގުޅޭ އިސްތިއުނާފް މައްސަލަ ހައިކޯޓުގައި ހިނގަމުން ދަނިކޮށް މިމައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ނޯޓިސް ލިބިފައިވާ ކަމަށެވެ. އެހެންވެ އޭނާ އެދުނީ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަންދެން ދަށު ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ރައީސް ޔާމީން އެދުނު ވަގުތީ އަމުރު ނެރެދިނުމަށް ދައުލަތުން އިންކާރު ނުކުރާ ކަމަށް ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވި އެވެ.

ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ދީބަނާޒު ފަހުމީ އެވެ. ރިޔާސަތުގައި އިންނެވީ ހަސަން ޝަފީއު އެވެ.

ރައީސް ޔާމީން މިވަގުތުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ. މިމައްސަލަ ވެސް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ.