ރައްޔިތުންގެ މަޖިލިސް

ޒަކާތު ފަންޑުން ބޭސްފަރުވާއަށް 35.9 މިލިއަން ރުފިޔާ

ފުދުންތެރިކަން ނެތް މީހުންގެ ބޭސްފަރުވާއަށް ޒަކާތު ފަންޑުން ތިން އަހަރުގެ ތެރޭގައި 35.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާއަށް ކުރި ހަރަދުގެ ތަފުސީލު މިނިސްޓަރު ހާމަކުރެއްވީ އެ ތަފުސީލު ސާފު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ސުވާލު ކުރެއްވުމުންނެވެ.

ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ފުދުންތެރިކަން ނެތް މީހުންނަށް ބޭސްފަރުވާ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

"ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް އެދޭ ފަރާތްތަކަށް ހަރަދު ކުރަނީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފަގީރުންނާއި މިސްކީނުންގެ ބައިގެ ތެރެއިން،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާއަށް ކުރި ހަރަދު

  • 2019: 22،578،835.77 ރުފިޔާ
  • 2020: 6،335،337 ރުފިޔާ
  • 2021: 7،023،499 ރުފިޔާ

މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭސްފަރުވާއަށް ދާން ބޭނުންވާ މީހުންނަށް ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް އެހީދެނީ ފުދުންތެރިކަން ނެތް މީހުންނަށް ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ދިނުމުގެ އުސޫލުގެ ދަށުންނެވެ.