ރައީސް މުހައްމަދު ނަޝީދު

މިސަރުކާރު ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއްވީ ޝިފާޒު: ނަޝީދު

Mar 29, 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒަށް ވުރެ ވަކިން ބޮޑު ގުރުބާނީއެއްވީ ބޭފުޅަކު ނުހުންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ޝިފާޒަށް ތައުރީފް ކުރައްވާ ވާހަކަދައްކަވާފައި މިވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ޝިފާޒު މިއަދު ވަކިކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިފާޒުގެ މުސްތަގުބަލް އޮތީ އުޖާލާކޮށް ކަމަށެވެ.

"ޝިފާޒު އެއްގޮތަކަށްވެސް ކަންބޮޑުވެ ނުލައްވާތި،" ނަޝީދު ވިދާޅުވި އެވެ.

ޝިފާޒު މަގާމުން ވަކިކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ނެގެހެއްޓުމަށް ނުހަނު ދައްޗާއި އަނިޔާގައި ޝިފާޒު ކުރެއްވި ގަދަފަދަ މަސައްކަތް އަގުނުކުރެވޭނެ ކަމަށެވެ.

"ރައީސް ސާލިހަށް މަގާމުގައި ހުންނެވެނީ އެފަދަ އެތައް ބައެއްގެ ހިންމަތުންކަން ހަނދާން ނައްތައި، މަގާމުން ވަކިކުކުރުމަކީ ވަރަށް ދެރަވަރު ކަމެއް. ސަރުކާރު ބަލިކަށިވެ ގޮތް ހުސްވަނީ،" އީވާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރަކަށް ޝިފާޒު އައްޔަންކުރީ ނޮވެމްބަރު 22، 2018 ގައެވެ. އޭނާ މިއަދު މަގާމުން ވަކިކުރިއިރު އޮފީހަށް ނުނިކުންނަވާތާ މަސްތަކެއް ވެއްޖެ ކަމަށްވެ އެވެ.

އެމްޑީޕީގެ ނިމިގެންދިޔަ ރިޔާސީ ޕްރައިމަރީގައި ޝިފާޒު ތާއީދުކުރެއްވީ ރައީސް ނަޝީދަށެވެ.