ތިލަފުށީގައި ހުރި އިމާރާތެއްގައި ވަރުގަދައަށް ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި އެވެ.
މިއަދު މެންދުރު 12:45 ހާއިރު އަލިފާން ރޯވީ ދެ ބުރިއަށް ހަދާފައި ހުރި އިމާރާތެއްގަ އެވެ.
އިމާރާތުގެ އެންމެ ތިރީގައި ގުރައުންޑް ފްލޯގައި ހުރީ ލަކުޑި ގުދަނެކެވެ. އިމާރާތުގެ މަތީބައި ބޭނުންކުރަމުން ދިޔައީ މީހުން ދިރިއުޅުމަށެވެ.

އެމްއެންޑީއެފް އިން ބުނީ އިމާރާތުގެ ރޯވި އަލިފާންގަނޑު ފެތުރިގެން އެހެން އިމާރާތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
ތިލަފުށީގައި މިދިޔަ އަހަރުވެސް އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ. އަދި ދާދިފަހުން ވަނީ ތިލަފުށްޓާ ޖެހިގެން އޮންނަ ގުޅީފަޅުގައިވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ އެކަކު މަރުވެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފަިއވެ އެވެ. އެފަހަރު ރޯވީ ތިލަމާލެ ބްރިޖު އެޅުމަށް ރާއްޖެ އައިސް ތިބި މީހުން ތިބޭ އިމާރާތުގަ އެވެ.