ޓީވީ ސީރީޒް

"މާސްޓަޝެފް އިންޑިޔާ"ގެ ޓްރޮފީ ނަޔަންޖޯތީ އަށް

ސޮނީ ޓީވީން ދެއްކި ކެއްކުމުގެ ހުނަރުތައް ދައްކާލާ ރިއަލިޓީ ޝޯ "މާސްޓަޝެފް އިންޑިއާ"ގެ ޓްރޮފީ އާސާމްގެ ޒުވާނެއް ކަމަށްވާ ނަޔަންޖޯތީ ސައިކިއާ ކާމިޔާބު ކޮށްފި އެވެ. ނަޔަންޖޯތީ މި ޝޯ ކާމިޔާބު ކޮށްފައިވަނީ 13 ހަފުތާ ވަންދެން ޝޯގެ އެހެން ބައިވެރިންނާއެކު ކެއްކުމުގެ ހުނަރުތައް ދައްކައިގެންނެވެ.

މި ޝޯ ކާމިޔާބުކުރުމުން ޓްރޮފީއާއެކު 25 ލައްކަ ރުޕީސް ވެސް ނަޔަންޖޯތީ އަށް ލިބިފައި ވެއެވެ. ޝޯގެ ރަނަރަޕްއަކީ ސާންތާ ސަރްމާހް އެވެ. ސާންތާ އަކީ ވެސް އާސާމްގެ މީހެކެވެ. ތިން ވަނައަށް ދިޔައީ މުމްބައިގެ ސްވަރުނާ ބަގުލް އެވެ.

މި ޝޯއިން އެއްވަނަ ހޯދި ނަޔަންޖޯތީ އާ ގުޅޭ ގޮތުން ޝޯގެ ފަނޑިޔާރުން އަދި އިންޑިޔާގެ ވަރަށް މަޝްހޫރު ޝެފުން ކަމަށްވާ ރަންވީރު ބްރާރް އާއި ގަރީމާ އަރޯރާ އަދި ވިކާސް ކަންނާ ވާހަކަ ދައްކާފައި ވެއެވެ. އަދި ނަޔަންޖޯތީ އަކީ މި ޝޯ ކާމިޔާބުކުރުން އެންމެ ހައްގު ބައިވެރިޔާ ކަމަށް އެމީހުން ބުނެފައި ވެއެވެ.

ޝޯގެ ގްރޭންޑް ފިނާލޭ ދެއްކީ ރޭގަ އެވެ. ގްރޭންޑް ފިނާލޭގައި މުމްބައިގެ މަޝްހޫރު ޝެފް ސަންޖީވް ކަޕޫރު ވެސް އަނެއް ތިން ޖަޖުންނާއެކު ބައިވެރިވި އެވެ. ފައިނަލަށް ދިޔަ ތިން ބައިވެރިން ކަމަށްވާ ނަޔަންޖޯތީ އާއި ސާންތާ އަދި ސްވަރްނާ އަށް އެންމެ ފަހުގެ ޗެލެންޖްއެއްގެ ގޮތުގައި ހަވާލު ކުރެވުނީ "ސިގްނޭޗާ ތުރީ-ކޯސް މީލް"އެއް ތައްޔާރުކުރުމަށެވެ. އެގޮތުން ތިން ބައިވެރިން ތައްޔާރުކުރި ކެއުމުގެ ތެރެއިން ހުރިހާ ޖަޖުންނަށް ވެސް އެންމެ ކަމުދިޔައީ ނަޔަންޖޯތީ ތައްޔާރުކުރި ކާނާ އެވެ.

މާސްޓާޝެފްގެ މިއަހަރުގެ ސީޒަނަށް ޝޯޓްލިސްޓްވީ 36 ބައިވެރިންގެ ތެރެއިން ޝޯގައި ބައިވެރިވެ ކެއްކުމުގެ ހުނަރުތައް ދެއްކުމުގެ ފުރުސަތު ލިބުނީ 16 ބައިވެރިއަކަށެވެ. މި 16 ބައިވެރިންގެ ތެރޭގައި ހިމެނި ނަޔަންޖޯތީ ވަނީ ހަމަ ކޮންމެ ފަހަރަކު ވެސް އޭނާއާ ހަވާލު ކުރެވުނު ޗެލެންޖްތައް ވަރަށް ރަނގަޅަށް ފުރިހަމަކޮށްފަ އެވެ.

ނަޔަންޖޯތީ އަކީ އެއްޗެތި ފިހުމުގެ މާހިރެކެވެ. ވަރަށް މީރުކޮށް ފޮނި އެއްޗެތި ތައްޔާރުކުރާ މީހެކެވެ. މި ޝޯގައި ވެސް އޭނާ ވީވަރަކުން އޭނާގެ މި ހުނަރުތަކުގެ ބޭނުން ހިފި އެވެ. އަދި ޖަޖުންނަށް މީރު ކާ އެއްޗެތި ތައްޔާރުކޮށް ރަހަ ދެއްކުމުގައި ކާމިޔާބު ހޯދި އެވެ.

ނަޔަންޖޯތީ އަށް ތައުރީފުކުރަމުން ޖަޖުން ބުނެފައިވާ ގޮތުގައި އޭނާ މި ޝޯގައި ކެއްކި ކޮންމެ ކެއުމެއްގައި ވެސް އޭނާގެ ހިތުގައިވާ ސާފުކަމާއި ތެދުވެރިކަން އަދި ސާދާކަން އެކުލެވުނު ކަމަށާއި ޖަޖުންނަށް އޭނާ ކެއްކި ކެއުންތަކާ ގަޔާ ވެވުނީ އެ ސަބަބާ ހެދި ކަމަށެވެ.

އެހެން ގިނަ ރިއަލިޓީ ޝޯތަކުގެ ގްރޭންޑް ފިނާލޭ އަށް ފަހު ސޯޝަލް މީޑީއާގައި ގިނަ ބައެއްގެ ހިތްހަމަނުޖެހުން ޝޯ އިން އެއްވަނައަށް ދަ ފަރާތާ މެދު އޮވެ އެވެ. ނަމަވެސް މާސްޓަޝެފް އިންޑިއާގެ މިފަހަރުގެ ސީޒަންގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެންމެ ގާބިލް ތިން ކެއްކުންތެރިން ކަމަށާއި އަދި ނަޔަންޖޯތީ އަކީ މި ޝޯ ކާމިޔާބުކުރަން އެންމެ އައުލާ ބައިވެރިޔާ ކަމަށް ސޯޝަލް މީޑީއާގައި ވެސް ގިނަ ބަޔަކު ބުނެފައި ވެއެވެ.