ހަބަރު

ވާދޫ ކައުންސިލުން ކުޑަކުދިންގެ ޕާކެއް ހަދަނީ

ރ. ވާދޫ ކައުންސިލުން އިސްވެ ހެޔޮއެދޭ ފަރާތްތަކުގެ އެހީއާއެކު އެރަށުގައި ކުޑަކުދިންގެ ޕާކެއްގެ މަސައްކަތް އަންނަ ހަފްތާގައި ފަށަން ނިންމައިފި އެވެ.

ވާދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ޔާމިން ފައިސަލް ވިދާޅުވީ އެ ޕާކަކީ ވާދޫގެ ކުޑަކުދިން ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމަށް ހަދާ ޕާކެއް ކަމަށާއި އަންނަ ހަފްތާގައި ޕާކުގެ އަމަލީ މަސައްކަތް ފަށައި މަހެއްހާ ދުވަހުގެ ތެރޭ މަސައްކަތް ނިމޭނެ ކަމަށެވެ.

ވާދޫ ކައުންސިލް ކައިރިން އޮންނަ 21،600 އަކަފޫޓުގެ ހުސްބިމުގައި ހަދާ މި ޕާކަކީ ގާތްގަނޑަކަށް ބައި މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ޕާކެކެވެ.

ޔާމިން ވިދާޅުވީ ޕާކަށް ބޭނުންވާ ޕްލޭ ގްރައުންޑް އިކުއިޕްމެންޓްސް އަދި މަސައްކަތަށް ބޭނުންވާ ތަކެތި މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.