މަރު

ލޯޑަރު ދަށުވެ ޒަހަމްވި ކުއްޖާ މަރުވެއްޖެ

Feb 1, 2016
2

ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ ސީރިއަސް ޒަހަމްތަކެއް ލިބުނު ކުޑަ ފިރިހެން ކުއްޖާ މަރުވެއްޖެ އެވެ. ފަރުވާ ދިނުމަށް އެ ކުއްޖާ ގެންދިޔަ ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކަށަވަރުކޮށްދީފައޮ ވަނީ އެ ކުއްޖާއަށް ފަރުވާ ދޭން އެ ރަށަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ އުމުރުން 10 އަހަރުގެ އަމާނުﷲ އަނބުރާ ފަރެސްމާތޮޑާއަށް ގެންދާނީ އޭނާއަށް ލިބިފައިވާ ޒަހަމްތައް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.

ލޯޑަރުގެ ދަށުވުމުގެ ސަބަބުން އަމާނުﷲގެ ބޮލަށް ބޮޑެތި ޒަހަމްތައް ލިބުނު އިރު ދެ ލޮލަށާއި މޫނަށް ވެސް ވެސް ގެއްލުންތައް ލިބިފައިވާކަމަށް ވެއެވެ.

އަމާނުﷲ މަރުވީ މިއަދު މެންދުރު 12:15 އެހާކަންހާއިރު އެރަށުގައި ބޭނުން ކުރާ ހޯގާޑް ކުންފުނީގެ ލޯޑަރެއްގެ ދަށުވެ ބޮޑެތި ޒަހަމްތައް ލިބި ރަށުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ތިނަދޫއަށް ގެންދިޔަ މަގުމަތީގައި ކަމަށް ވެއެވެ.

އެކްސިޑެންޓްގައި ޒަހަމްވި އަމާނުﷲ މަރުވުމާ ހަމައަށް ވެސް އޭނާގެ އޮތީ ވަރަށް ދެރަކޮށެވެ. މި އެކްސިޑެންޓް ހިނގީ ހޯގާޑުގެ ލޯޑަރަށް އެއްޗެއްހި އަރުވައިގެން ދަތުރުކޮށް ތަކެތި އަންލޯޑް ކުރުމަށްފަހު ނައްޓާލަން އުޅެނިކޮށެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކާ ހަވާލާދީ ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަބްދުﷲ ސައީދު ވިދާޅުވީ ލޯޑަރު ދުއްވާލިއިރު އަމާނުﷲ އޮތީ އޭގެ ދަތްގަނޑު ތެރެއަށް އެރި ކަމަށެވެ. އަދި ހާދިސާ ހިނގި އިރު ލޯޑަރު ދުއްވަން އިން މީހާއަށް ކުއްޖާ ނުފެންނަ ކަމަށެވެ.

"އެއީ އާންމުކޮށް މިހެން އުޅޭއިރު ވަރަށް ސިޔާސަކޮށް އުޅޭ ކުއްޖެއް. ކުއްޖާ ވެއްޓި ލޯޑަރު ދަށުވީ ދަތްގަނޑު ތިރިކޮށް ލޯޑަރު ދުއްވާލި ވަގުތު،" ކައުންސިލަރު ވިދާޅުވި އެވެ.

ލޯޑަރު ދަށުވެގެން ޒަހަމްވި އަމާނުﷲ އަކީ އެރަށު ސްކޫލުގައި އޮންނަ ނުކުޅެދުންތެރިކަން ހުންނަ ކްލާހެއްގައި ކިޔަވާ ކުއްޖެކެވެ. ނަމަވެސް އެ ކުއްޖާ އަކީ އެފަދަ އުނިކަމެއް ހުރި ކުއްޖެއް ނޫން ކަމަށާއި، ނަމަވެސް ކުއްޖާ ސެން ކްލާހަށް ބައިވެރިކުރުވަން ނިންމީ ސްކޫލުން ކަމަށް ކައުންސިލާ ވިދާޅުވި އެވެ.

މި ހާދިސާގެ ތަހުގީގެއް ފުލުހުން ފަށާފައިވާއިރު ލޯޑަރު ދުއްވި ދިވެހި ޑްރައިވަރު ވަނީ ހައްޔަރު ކޮށްފައެވެ.

މިއަދު ކުޑަކުއްޖަކު މަރުވި އިރު ރޭ މަހަށް ނިކުމެ އުޅެނިކޮށް ޑިންގީ ބަންޑުންޖަހާލައި ގެނބިގެން ލ. އަތޮޅު ކައުންސިލަރަކު ވެސް ވަނީ މަރުވެފައެވެ.