ދުނިޔެ

ޓްރަމްޕް ފްލޮރިޑާގައި އަންގާރަ ދުވަހު ތަގުރީރު ކުރައްވަނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު -- ފްލޮރިޑާގައި ހުންނަ އޭނާގެ މާރަލާގޯ ގަނޑުވަރުގެ ގޯތިތެރޭގައި -- ސަޕޯޓަރުންނަ މުޚާތަބުކުރައްވައި ތަގުރީރު ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ. އެއީ ނިއުޔޯކްގެ މެންހަޓަން ސިޓީ ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައި ހުރި ދައުވާތައް އަޑުއިއްވަން ތާވަލުކޮށްފައި އޮތް ދުވަހެވެ.

ޑޮނަލްޑް ޓްރަމްޕްއާ ހަވާލާދީ ޕޯޓްތައް ބުނާ ގޮތުން އޭނާގެ މައްޗަށް ދައުވާކުރަން ހަމަޖެހިފައި އޮތް 30 އަށް ވުރެ ގިނަ މައްސަލައާ ބެހޭ ގޮތުން އޭނާ ވާހަކަދައްކަވާނެ އެވެ. އެކަމަކު ތަގުރީރުކުރައްވާނީ އަޑުއެހުންތަކަށް ފަހު އެވެ.

އަންގާރަ ދުވަހު މެންހަޓަން ކޯޓުގައި އޮންނަ އަޑުއެހުމަށް ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. ކޯޓަށް ވަޑައިގެން އޭނާ އަކީ ކުށެއް ނެތް މީހެއްކަން ސާބިތުކޮށްދެއްވަން މަސައަކްތް ކުރައްވާނެ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ޓްރަމްޕް މެންހަޓަން ކޯޓަށް ހާޒިރުވުމަށްޓަކައި ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ނިއުޔޯކަށް ވަޑައިގަންނަވާނެ އެވެ. އަޑުއެހުން އޮންނާނީ އަންގާރަ ދުވަހުގެ މެންދުރުފަހު އެމެރިކާގެ ގަޑިން 2:15 ގައެވެ. އެއީ ރާއްޖޭގެ ގަޑިން އެރޭ 11:15 އެވެ. ޓްރަމްޕް ތަގުރީރު ކުރައްވާނީ ރާއްޖޭގެ ގަޑިން ފަތިހު 05:15 ގައެވެ.

ޑޮނަލްޑް ޓްރަމްޕަށް ތުހުމަތުކުރެވޭ ބަދުއަޚުލާގީ މައްސަލައެއްގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރަން ފެންނަ ކަމަށް ނިއުޔޯކް ފަނޑިޔާރުންގެ ޓީމަކުން އޮތީ ނިންމާފަ އެވެ.

މި މައްސަލައިގެ އިތުރުން ވިޔަފާރީގައި މަކަރު ހައްދަވައި އަދި ޓެކުހުން ރެކިވަޑައިގަތުމަށް ހިސާބުތައް އޮޅުވާލެއްވުންވެސް ހިމެނެ އެވެ.

އެމެރިކާގައި ނޮވެމްބަރު 5، 2024 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ޓްރަމްޕް ވަނީ އިއުލާންކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު މިހާ ކައިރިވެފައި ވަނިކޮށް އޭނާގެ މައްޗަށް މައްސަލަ ގޯންޏެއް އޮއްސާލުމެގެ ބޭނުމަކީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމެވެ.

ޑޮނަލްޓް ޓްރަމްޕަށް ތާއިދުކުރާ މީހުން ގަބޫލުކުރާ ގޮތުގައި އޭނާއާ ދެކޮޅަށް އުފުލާފައި ހުރި މައްސަލަތަކުގައި ސިޔާސީ އަދި ހަސަދަވެރިކަމުގެ ކުލަ ހުރީ ޖެހިފަ އެވެ.