އެމްޑީޕީ

ޖޭޕީ ދޫކުރައްވާ އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) ދޫކުރައްވާ އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

މެންބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއި ކުރެއްވީ މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

އަލީ ހަމީދަކީ ޖުމްހޫރީ ޕާޓީ އުފެދުނީންސުރެ އެ ޕާޓީގައި ހުންނެވި ބޭފުޅެކެވެ. ޖޭޕީގެ ލީޑަރު ގާސިމު އިބްރާހީމުގެ އަމިއްލަފުޅު ވިޔަފާރިތަކުގައި އިސް ދައުރެއް އަދާކުރެއްވި ގާސިމުގެ ވަރަށް އަރިސް ބޭފުޅެކެވެ.

ޖުމްހޫރީ ޕާޓީން މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ޕާޓީގެ ނައިބު ލީޑަރު ކަމަށް އަލީ ހަމީދު ކުރިމަތިލެއްވި ނަމަވެސް މަގާމަށް އިންތިހާބު ވެވަޑައިގެންފައި ނުވެ އެވެ.

މެންބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުގެ އަދަދު ވަނީ 67 އަށް އިތުރުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ މެންބަރުގެ ގޮތުގައި މިހާރު ތިއްބެވީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހީމު އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ.