މެސީ

މެސީއާ ބައްދަލުކުރެވޭތީ ޕްލާސްޓިކް ކޮތަޅު ޖާޒީ ލީ ކުއްޖާ އުފަލުން

"ފުޓްބޯޅަ އާއި މެސީ ދެކެ ވަރަށް ލޯބިވޭ، އަހަރެން ކޮންމެ ވެސް ދުވަހަކުން މެސީއާ ބައްދަލުކުރާނަން،" ފަސް އަހަރުގެ މުރުތާޒާ އަހުމަދީ އަލްޖަޒީރާއަށް ބުނެފައިވެ އެވެ. ފަސް އަހަރުގެ އަހުމަދީ އަކީ ކޮން ކުއްޖެއް އެނގޭ ހެއްޔެވެ؟ އޭނާއަކީ ލިއޮނަލް މެސީގެ ޖާޒީއެއް ލައިގެން މަޝްހޫރުވި ކުއްޖެކެވެ.

ލިއޮނަލް މެސީގެ ޖާޒީއަކީ އެތައް ހާސް ކުދިންނެއް ލާ ޖާޒީއެކެވެ. ނަމަވެސް އަފްގާނިސްތާނަށް އުފަން އަހުމަދީގެ ޖާޒީ ތަފާތެވެ. އޭނާއަށް މަޝްހޫރުކަން ވެސް ލިބުނީ އެހެންވެގެންނެވެ. އަހުމަދީގެ ޖާޒީއަކީ އާދައިގެ ޖާޒީއެއް ނޫނެވެ. އޭނާގެ ޖާޒީ ހަދާފައިވަނީ މެސީގެ ނަމާއި 10 ނަމްބަރު ޖަހާ ރޮނގުދެމި ޕްލާސްޓިކް ކޮތަޅެއްގަ އެވެ. އަހުމަދީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު އެ ކުއްޖާ ހޯދުމަށް ގިނަ ބަޔަކު ވަނީ މަސްކޮށްފަ އެވެ.

އެންމެފަހުން އަހުމަދީގެ އުވަފެން ހަގީގަތަކަށް ހަދައިދިނުމުގެ މަސައްކަތް އަފްގާނިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ފެށިއެވެ. އެ ފެޑަރޭޝަނުން ވަނީ ކުއްޖާގެ މައުލޫމާތު މެސީގެ މެނޭޖްމެންޓް ޓީމަށް ހިއްސާކޮށްފަ އެވެ. "އަހަރެމެން މެސީގެ މެނޭޖްމެންޓް ޓީމަށް ގުޅައިފިން އެމީހުން ތިބީ އަހުމަދީއާ ބައްދަލުކުރަން ބޭނުންވެފައި،" އަފްގާނިސްތާން ފުޓްބޯޅަ ފެޑަރޭޝަންގެ ތަރުޖަމާނު ސައިދު އަލީ ވިދާޅުވެފައިވެ އެވެ.

"އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަ ކުރަން މެސީއާ ބައްދަލުކޮށްދިނުމަށް، ތާރިހަކާއި ތަނެއް އަދި ހަމައެއް ނުޖެހޭ ބައްދަލުކުރާކަށް، އެކަމަކު ވަރަށް އަވަހަށް އަހުމަދީއަށް އޭނާގެ އައިޑޮލްއާ ބައްދަލުކުރަން ސްޕެއިންއަށް ފުރަން ޖެހިދާނެ،" ސައިދު ވިދާޅުވި އެވެ. "އަހުމަދީ ފުޓްބޯޅައަށް ވަރަށް ލޯބިކުރޭ، އެކަން ފެނިފައި އަފްގާނިސްތާން ފުޓުބޯޅަ ޓީމަށް އޭނަ ވައްދަން ޓްރެއިން ކުރުވާނަން،"

އަހުމަދީ މަޝްހޫރުކޮށްދިން ޖާޒީ ތައްޔާރުކުރީ އޭނާގެ ބޭބެ އެވެ. ޖާޒީގައި މެސީގެ ނަމާއި ނަންބަރު ވެސް ޖަހައިދިނީ ބޭބެ އެވެ. "އަހުމަދީއަށް ޕްލާސްޓިކް ކޮތަޅެއް ފެނި އަހަރެން ކައިރިއަށް ދުވެފައި އައި، އޭނާ އެދުނީ އޭގެން ޖާޒީއެއް ހަދައިދިނުމަށް،" އަހުމަދީގެ 15 އަހަރުގެ ބޭބެ ބުންޏެވެ. "އަހަރެމެންނަށް މެސީގެ އަސްލު ޖާޒީއެއް ނުގަނެވޭނެ، އެއީ އަހަރެމެންނަށް ހިތަށް ވެސް އެރުވޭނެ ކަމެއް ނޫން، އެވަރަށް އަހަރެމެން އަތަކު ފައިސާއެއް ނެތް، ކޮއްކޮ އުފާކޮށްދިނުމަށް އަހަރެން ޕްލާސްޓިކް ކޮތަޅުން ޖާޒީ ހަދައިދިނީ،"

އަހުމަދީގެ ބައްޕަ މުހައްމަދު އާރިފު ބުނީ ދަރިފުޅުގެ ފޮޓޯތަކަށް ލިބުނު ތަރުހީބާއި ތައުރީފާމެދު ވަރަށް އުފަލުން ހުރި ކަމަށެވެ. "އަހަރެމެން އުއްމީދު ވެސް ކުރި ކަމެއް ނޫން މިއީ މިފަދަ ސަޕޯޓެއް މީހުންގެ ފަރާތުން އަހަރެމެންނަށް ލިބިދާނެ ކަމަށް، ދުނިޔޭގެ އެތައް ބަޔަކު އަހަރެންނަށް ގުޅާ އަހުމަދީއަށް ޖާޒީއަކާއި ފުޓްބޯޅައެއް ގަނެދޭށޭ ބުނޭ،"

"އަހުމަދީއަށް ނޭނގެ ވާނެ ގޮތެއް ވެސް، އޭނާ ހުރީ މެސީއާ ބައްދަލުވާނޭ ބުނުމުން ވަަރަށް އުފަލުން، އަހަރެމެންނަށް އެކަން ވާނެ ދުވަހެއް، އެހެންނަމަވެސް މީހުންގެ ފަރާތުން ލިބުނު ސަޕޯޓަށް ވަރަށް އުފަލުން މިތިބީ،" އަހުމަދީގެ ބައްޕަ ބުންޏެވެ.

"އަހަރެން ބޭނުނީ މެސީއަށް ވާން،" ފަސް އަހަރުގެ އަހުމަދީ ބުންޏެވެ. އަހުމަދީގެ ޖަޒުބާ ފެނިފައިވާ އޭނާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު އެގައުމު ފަހުރުވެރިކޮށްދީ ބައިނަލްއަގްވާމީ މައިދާނުގައި ފުޓްބޯޅަ ކުޅޭތަން ބަލަން ބޭނުންވާ ކަމަށެވެ.