އެމްޑަބްލިއުއެސްސީ

ޕްރިންސިޕަލުން ތަމްރީންކުރަން އެމްޑަބްލިއުއެސްސީގެ 10 ސްކޮލާޝިޕް

Apr 5, 2023

ސްކޫލްތަކުގެ ހިނގުން ހަރުދަނާ ކުރުމުގެ ގޮތުން ގާބިލް ޕްރިންސިޕަލުން އުފެއްދުމަށްޓަކައި، ޕްރިންސިޕަލުން ތަމްރީން ކުރުމަށް ބޭނުންވާ ހާއްސަ ސްކޮލާޝިޕް ޕްރޮގްރާމްތައް ސްޕޮންސާ ކުރުމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އެވެ.

މިއެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓާސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮލާޝިޕް އަދި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސާ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މިޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.


ރާއްޖޭގައި ސްކޫލްތައް ހިނގުމަށް ހާއްސަވެގެން ތަމްރީން ލިބިފައިވާ ބޭފުޅުން މަދުކާމައި އެކު ސްކޫލްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިނގުމަށް ވަނީ ދަތިތަކެއް ދިމާވެފަ އެވެ. ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމާއި ސްކޫލްތަކުގައި ކިޔަވައިދިނުން ރަނގަޅު ކުރުމަށްޓަކައި ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތިބުމުގެ މުހިއްމުކަން ކަމާ ގުޅޭ އިދާރާތަކުންވެސް ގެންދަނީ ފާހަގަކުރަމުންނެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފަހިކޮށްދިނުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށެވެ. އަދި މިއީ މުޖުތަމައަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއް ކަމުގައިވެސް އެ ކުންފުނިން ފާހަގަކުރެ އެވެ. އެމްޑަބްލިއުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖުތަމައުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.