ހަބަރު

ޓޫރިޒަމަށް އަސަރުކުރީ ސިޔާސީ ކަންކަމަކުންނޫން، ބޭރުގެ ހަމަނުޖެހުމުން: ޒަމީރު

ރާއްޖޭގެ ޓޫރިޒަމަށް އަސަރުކުރީ ރާއްޖޭގެ އެތެރޭގައި ހިނގާ ސިޔާސީ ކަންތައްތަކުގެ ސަބަބުން ނޫން ކަމަށާއި ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކޮށްފައިވަނީ ބޭރު ގައުމުތަކުގައި ހިނގާ ކަންތައްތަކުގެ ސަބަބުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދޭން ކުރެއްވި ދަތުރުފުޅުގެ ތެރެއިން "ސީއެންބީސީ" އަށް މިނިސްޓަރު ޒަމީރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިދިޔަ އަހަރު އުއްމީދުކުރި ވަަރަށް ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައި ނުވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އެ މާކެޓް ދަށްވުމާއި ފްރާންސްގެ ވެރިރަށް ޕެރިހުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ފްރާންސްގެ މާކެޓް ދަށްވުމާ ގުޅިގެން ކަމަށެވެ. އަދި ވިދާޅުވީ އެކަންކަން އެހެން ހިނގައި ދިޔަ ނަމަވެސް 2.7 ޕަސެންޓްގެ ކުރިއެރުމެއް މިދިޔަ އަހަރު ވެސް ލިބުނު ކަމަށެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ފަތުރުވެރިކަމަށް އަސަރުކުރިތޯ ސުވާލު ކުރުމުން ޒަމީރު ވިދާޅުވީ، ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ސެންޓްރަލް ޔޫރަޕާއި މެދުއިރުމަތި ފަދަ މާކެޓްތަކުން އެއްވެސް ދަށްވުމެއް ނެތް ކަމަށާއި ނަމަވެސް އެ ދެ މަހު ޗައިނާގެ މާކެޓް ދަށްވި ކަމަށެވެ.

ޒަމީރު ވިދާޅުވީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެކަމަށް މަސައްކަތްކުރާ ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓްގައި އާ ރަންވޭ އަދި ޓާމިނަލް ހެދުމުގެ މަސައްކަތް ވެސް މިއަހަރު ފަށާތީ އެންމެ މައްޗަށް ކޭޓާކުރެވޭނީ 1.5 މިލިއަން ފަތުރުވެރިން ކަމަށެވެ.

އަލަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެއްލެއްވި މޫސާ ޒަމީރު ވިދާޅުވީ، މި އަހަރު 1.5 މިލިއަން ޓޫރިސްޓުންގެ އަމާޒު ހިފާފައިވީނަމަވެސް އެ އަދަދު ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 7.5 މިލިއަން ފަތުރުވެރިންނަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި 2018 އަންނައިރު ރާއްޖޭގައި 7.5 މިލިއަން މީހުން ކޭޓާ ކުރެވޭނެ އެއާޕޯޓެއް ތަރައްގީވެފައި އޮންނާނެ ކަމަށެވެ.

އެއާޕޯޓް ތަރައްގީކުރުމަށާއި އާ ރިސޯޓްތައް ހަދަން ހަރަދުވާ ފައިސާ ހޯދަން ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސް އިތުރުކުރާނެތޯ ނޫނީ އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓް ބޮޑުވެގެންދާނެތޯ ސުވާލުކުރުމުން ޒަމީރު ވިދާޅުވީ، އެއާޕޯޓަކީ 7.5 މިލިއަން މީހުންނަށް ކޭޓާކުރާ އެއާޕޯޓަކަށްވުމުން އެކަމުގެ ފައިދާ ސަރުކާރަށް ކުރާނެއިރު އެއާޕޯޓް ހެދުމަށްދާ ހަރަދުގެ ބުރަ ދައުލަތުގެ ބަޖެޓަށް ނާންނާނެ ކަމަށެވެ. އެއާޕޯޓް ތަރައްގީކުރުމަށް ޗައިނާއިން ލޯނު ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ރިސޯޓްތައް ތަރައްގީކުރަމުން ދަނީ ބޭރުގެ އިންވެސްޓަރުން އިންވެސްޓްކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.