ހަބަރު

ޒިކާގެ ވައިރަސްގެ ބިރު ބޮޑުވެ، ދުނިޔެއަށް ހެލްތް އެމަޖެންސީ އިއުލާންކޮށްފި

މި ދުވަސްކޮޅު ޒިކާ ވައިރަސް އަދަޔާ ހިލާފަށް ބާރަށް ފެތުރެމުން ދިޔުމުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މުޅި ދުނިޔެއަށް އާންމު ހެލްތް އެމަޖެންސީއެއް އިއުލާންކޮށް، އިތުރަށް ސަމާލުވުމަށް އަންގައިފި އެވެ. މުޅި ދުނިޔެއަށް ހެލްތް އެމަޖެންސީއެއް އިއުލާން ކުރީ މިރޭގެ ވަގުތެއްގަ އެވެ.

ޒިކާ ވައިރަސްގެ އައުޓްބްރޭކާ ބެހޭގޮތުން ޑަބްލިއުއެޗްއޯ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް އެމަޖެންސީ އިއުލާންކޮށްފައިވާއިރު، ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް މާގްރެޓް ޗަން ވިދާޅުވީ މިހާރު މިވަނީ ޒިކާ ވައިރަސް އާ ދެކޮޅަށް މުޅި ދުނިޔެ އެކުގައި މަސައްކަތް ކުރަންވީ ވަގުތު ޖެހިފައި ކަމަށެވެ.

ޒިކާ ވައިރަސްގެ ސަބަބުން އުފަންވާ ކުދިންގެ ސިކުނޑި އުފެދެންޖެހޭ މިންވަރަށް އުފެދިފައިނުހުންނާތީ، މާބަނޑު އަންހެނުންނާއި ކުޑަ ކުދިން ޒިކާ ވައިރަސްއިން ސަލާމަތް ކުރުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް މާގްރެޓް ޗަން ވިދާޅުވި އެވެ.

ޒިކާ ވައިރަސް މިދިޔަ މޭ މަހު ބްރެޒިލުން ފެނިފައިވާއިރު މިހާތަނަށް 23 ގައުމަކުން މި ވައިރަސް ފެނިގެން ވަނީ ރިޕޯޓްކޮށްފަ އެވެ. ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ އެއް ގައުމަކީ ބްރެޒިލެވެ. ރާއްޖޭގައި ޒިކާ ވައިރަހުގެ އަސަރެއް ހުރިތޯ މިހާރު ވަނީ ބަލަން ފަށާފަ އެވެ.

ޑަބްލިއުއެޗްއޯ އިން ޒިކާ ވައިރަސް، އެބޯލާ ވައިރަސްއާ އެއްވަރުކޮށްފައިވާއިރު އެ ވައިރަސް އަށް އިންޖެކްޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ނަމަވެސް އެއީ ކައިރި މުސްތަގުބަލެއްގައި ކާމިޔާބު ވާނެ ކަމެއް ކަމަށް ނުބެލެވެއެެވެ. މާހިރުން ވަނީ ޒިކާ ވައިރަސް އިން ރައްކާތެރިވުމުގެ ޑެންގީ ހުން ވެސް ފަތުރާ އީޑީސް މަދިރިން ރައްކާތެރިވުމަށް އަންގާފަ އެވެ. ރާއްޖެއަކީ އީޑީސް މަދިރި ގިނަ ގައުމެކެވެ.

ޒިކާ ވައިރަސް އަކީ އިންފެކްޓް ވެފައި ނުވަތަ ޒިކާ ވައިރަސް ޖެހިފަ ހުންނަ މަދިރި އިންސާނުންގެ ގައިގައި ހެފުމުން ޖެހޭ ބައްޔެކެވެ. ޒިކާ ވައިރަސް ފެތުރެނީ ބަލި ޖެހިފަ ހުންނަ މަދިރި ގިނަވެ ގިނަ މީހުން ގައިގަ ހެފުމުންނެވެ.

ޒިކާ ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ފިތް ނެގުމާއި ހުޅުތަކުގައި ރިއްސުމާއި ހުން އައުން ހިމެނެއެވެ. މި ހުން އަންނަނީ ދެ ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތަށެވެ. މި ބަލި ޖެހުނުކަން ކަށަވަރު ކުރުމަށް ލޭ ޓެސްޓު ކުރުމުން އެކަން ދެނެގަނެވޭނެއެވެ. މި ބައްޔަކަށް ވަކި ފަރުވާ އެއް ނުވަތަ ޓްރީޓްމެންޓް ޕްލޭނެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. އަދި ގިނަ ޕޭޝެންޓުންނަކީ ޕެނެޑޯލް ފަދަ އާދައިގެ ބޭހާއި، ގިނައިން ދިޔާ އެއްޗެހި ބުއިމުން ރަނގަޅުވާ މީހުންނެވެ.

މި ވައިރަހަކީ އަލަށް ވިހާ ކުދިންގެ ބޯ އާދަޔާ ހިލާފަށް ކުޑަވެ ސިކުނޑިއަށް ގެއްލުންދޭ ވައިރަހަކަށް ވާތީ އެވެ. ނަމަވެސް ޑަބްލިޔޫއެޗްއޯއިން ހާމަ ކުރާ ގޮތުން އަލަށް ވިހާ ކުޑަކުދިންގެ ސިކުނޑިއަށް ލިބިފަ ހުންނަ ގެއްލުމަކީ އެ ވައިރަސް ގެ ސަބަބުން ލިބޭ ގެއްލުމެއް ކަމެއް ޔަގީންކަމާއެކު އަދި ބުނާކަށް ނޭނގެ އެވެ. ނަމަވެސް ލަފާ ކުރެވޭ ގޮތުން އެއ ޒިކާ ވައިރަސްގެ ސަބަބުން ވާކަމެކެވެ.