ހައުސިން މިނިސްޓްރީ

އަމާނުﷲ މަރުވި ހާދިސާގެ ތަހުގީގަށް އެއްބާރުލުން ދޭނެ: މިނިސްޓްރީ

ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ އިއްޔެ އުމުރުން 10 އަހަރުގެ އަމާނުﷲ މަރުވި ހާދިސާގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

އަމާނުﷲ މަރުވީ، އެ މިނިސްޓްރީން ފަރެސްމާތޮޑާގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑު ކުންފުނީގެ ލޯޑަރެއް ދަށުވެ ބޮޑެތި އަނިޔާތައް ލިބިގެނެވެ.

އަމާނުﷲ މަރުވި ހާދިސާއާ ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމާނުﷲ މަރުވި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތަކުން ފަށާފައިވާ ކަމަށާއި އެ ތަހުގީގަށް މިނިސްޓްރީ އާއި މަޝްރޫއުގެ ކޮންޓެރެކްޓަރާއި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އަމާނުﷲ މަރުވި ހާދިސާއާ ގުޅިގެން އޭނާގެ އާއިލާއަށާއި ރަށުގެ ރައްޔިތުންނަށް ދިމާވި ފުން ހިތާމައިގައި ހައުސިން މިނިސްޓްރީން ބައިވެރިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަބްދުﷲ ސައީދު މަންޒަރު ދުށް ބައެއް ފަރާތްތަކާ ހަވާލާދީ އިއްޔެ ވިދާޅުވެފައިވަނީ، ލޯޑަރު ދުއްވާލިއިރު އަމާނުﷲ އޮތީ އޭގެ ދަތްގަނޑު ތެރެއަށް އެރި ކަމަށެވެ. އަދި ހާދިސާ ހިނގި އިރު ލޯޑަރު ދުއްވަން އިން މީހާއަށް ކުއްޖާ ނުފެންނަ ކަމަށެވެ. "އެއީ އާންމުކޮށް މިހެން އުޅޭއިރު ވަރަށް ސިޔާސަކޮށް އުޅޭ ކުއްޖެއް. ކުއްޖާ ވެއްޓި ލޯޑަރު ދަށުވީ ދަތްގަނޑު ތިރިކޮށް ލޯޑަރު ދުއްވާލި ވަގުތު،" ކައުންސިލަރު ވިދާޅުވި އެވެ.

ލޯޑަރު ދަށުވުމުގެ ސަބަބުން ކުޑަ ފިރިހެން ކުއްޖާގެ ބޮލަށް ބޮޑެތި ޒަހަމްތައް ލިބުނު އިރު ދެ ލޮލަށާއި މޫނަށް ވެސް ގެއްލުންތައް ލިބުނެ އެވެ. އަމާނުﷲ މަރުވެފައިވަނީ، އިތުރު ފަރުވާއަށް ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.

މި ހާދިސާ ހިނގި އިރު މިދިއަ އަހަރު ވަނީ މާލޭގެ އިއްޒުއްދީނު މަގުގައި ހައުސިން މިނިސްޓްރީން ބަހައްޓާފައި ހުރި ހޮޅިދަނޑިއެއްގައި ލޯރިއެއް އަޅައިގެން ހޮޅިދަނޑި ވެއްޓުމުގެ ސަބަބުން ޒުވާން އަންހެން ކުއްޖަކު މަރުވެފަ އެވެ.