ހުސައިން އަމްރު

ކަންކަން އިސްލާހުކުރަން އެއްބާރުލުމެއް ނުދިން: އަމްރު

Apr 12, 2023
5

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް ތެދުވަންޖެހުނީ އިސްލާހު ކުރުމަށް ކުރަންޖެހިފައި ހުރި ކަންކަމުގައި ސަރުކާރުގެ ތެރެއިން އެއްބާރުލުން ނުދިނުމުން ކަމަށް މިސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރައްވާފައިވާ ހުސައިން އަމުރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވަކިވި ސަބަބުތައް ފުރަތަމަ ފަހަރަށް ހިއްސާކުރައްވާ، އަމްރު ވަނީ ދިގު ބަޔާނެއް ނެރުއްވާފަ އެވެ.

އަމުރުގެ ބަޔާނުގައި ވިދާޅުވީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލުމުން ސަރުކާރުގައި މިއަދު އެއްވެސް އަމާޒެއް ނެތް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ މެނިފެސްޓޯއެއް އެކުލަވާލާ ހަވާލުކުރިކަން ފާހަގަކޮށް ބަޔާނުގައި ވިދާޅުވެފައިވަނީ ފަހުން ޕާޓީތައް ގުޅިގެން މެނިފެސްޓޯއެއް ހެދިއިރުވެސް އެމްޑީޕީގެ މެނިފެސްޓޯގެ ސިޔާސަތުތަކާއި އަސާސްތައް ނުގެއްލޭނެ ގޮތަށް މެނިފެސްޓޯ ނެރެން ޕާޓީތަކުން އެއްބަސްވި ކަމަށެވެ.

ނަމަވެސް މެނިފެސްޓޯގައިވާ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުން މަސައްކަތް ނުކުރާތީ އެމްޑީޕީ ވަފާތެރި އެތައް ބަޔަކު ޕާޓީއާއި ސަރުކާރާ ދުރަށްޖެހިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. އެކަމުގެ ސަބަބުން އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ގެއްލި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެސް އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް އަމްރުގެ ބަޔާނުގައިވެ އެވެ.

"އަޅުގަނޑު ވެސް ނުހަނު އިހްލާސްތެރިކަމާ ހެޔޮ ނިޔަތުގައި މަސައްކަތްކުރީ އެ ސިޔާސަތުތައް ކުރިއަރުވައި ތަންފީޒުކުރާށެވެ. އަދި އެހެން ގޮތެއް ހިޔާރުކުރަން ޖެހުނީ ގިނަ ފަހަރުތަކެއް މަތިން އިސްލާހުގެ މަގަށް ކަންކަން ގެންނަން ކުރި މަސައްކަތަށް އިޖާބައެއް ތަރުހީބެއް އެއްބާރުލުމެއް ނުލިބުމުންނެވެ،" ބަޔާނުގައިވެ އެވެ.

ސަރުކާރުގެ ހަރަދު ބޮޑުކަމަށާއި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ސަރުކާރުން ނުބަލާ ކަމަށް ވިދާޅުވެ މިބަޔާނުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައިވެ އެވެ. އެގޮތުން އަމްރު ވިދާޅުވީ މަޝްރޫއުތައް ހިނގާ ގޮތް ނުބެލުމުން ހަރަދުތައް ބޮޑުވެ މަޝްރޫއުތައް ލަސްވުމާއި ހަރަދުތައް ހަމަޖައްސަން އިތުރަށް ބޮޑެތި އަދަދުތަކުން ލޯން ނަގަންޖެހުނު ކަމަށެވެ. އަދި ސަރުކާރުގެ އެތައް ކުންފުންޏެއް އާންމު ކުންފުނިތަކަށް ދަރާފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެެވެ.

އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާފައިވާ އަމްރު ވިދާޅުވީ އިސްލާހުކުރަން ޖެހޭ ކަމަށް ފެންނަ ކަންކަން ހުށަހެޅުމުން އެއްވެސް ކަމަކަށް ބަދަލެއް ނައި ކަމަށެވެ. އޭނާ އެސްޓީއޯ އާއި ހަވާލުވެ ރާއްޖެ އެތެރެކުރާ މުދަލުގެ އަގު ހެޔޮކޮށް، ކުދި ވިޔަފާރިތަކަށް ޖާގަ ހޯދައިދީ، ޓެކްނޮލޮޖީގެ ފަސޭހަތައް ގެނެސް، ކާނާގެ ޔަގީންކަން ކަށަވަރުކޮށްދިނުމާ އެކު ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ކުރެއްވި ކަމަށެވެ. އަދި އޭނާ ބޭނުންވީ އިގްތިސާދު ހަލުވިކޮށް ކުރިއަރައި ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދޭން ކަމުގައިވެސް ވިދާޅުވި އެވެ.

"ނަމަވެސް، ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލައި ވަކި ސިޔާސަތެއް އަމާޒެއް ނެތި ކަންކަން ކުރަމުން ގެންދިއުމުގެ ސަބަބުން ބޮޑެތި މާލީ، އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތައް ވަނީ މި ހަތަރު އަހަރު ކުރިމަތިވެފަ އެވެ،" އަމްރު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ހުންނެވީ ރައީސް މުހައްމަދު ނަޝީދުއާ އެކު އެވެ. ޕްރައިމަރީގައި ނާކާމިޔާބުވުމާ ގުޅިގެން ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީގެ ތެރޭގައި އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އަމްރު އަކީ ވަރަށް އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ނަޝީދުގެ އަރިހުގައި ފިކުރެއްގެ ދިރުމަށް މަސައްކަތް ކުރައްވާ ބޭފުޅުން ގެންދަވަނީ ފާޅުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޖޭޕީގެ ކެންޑިޑޭޓަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަޝީދުގެ ފަރާތްޕުޅުން ޖޭޕީއާ ވާހަކަދައްކަވާ ތިން ބޭފުޅުންގެ ކޮމިޓީގައިވެސް އަމްރު އިންނަވަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަމްރު ވަކިކުރެއްވީ ޖޭޕީއާ މަޝްވަރާކުރެއްވުމަށް ޖޭޕީގެ މައި އޮފީސް -- ކުނޫޒަށް ވަޑައިގެންނެވި ފަހުންނެވެ.