ދުނިޔެ

ބައިޑަން ރިއާސީ ރޭހަށް ނުކުންނަވާނެ ކަމާމެދު ޝައްކު: ޓްރަމްޕް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ އެވެ. އެ ޝައުގުވެރިކަން އޮތް ކަމަށް އޭނާ ވަނީ މީޑިއާގައި އިއުލާންކުރައްވާފަ އެވެ. އެހެންކަމުން، އަންނަ އަހަރު -- 2024 ގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ އެވެެ.

މިހެން ކަން އޮތް ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ ކޮންމެވެސް ސަބަބަކާ ހެދި ޖޯ ބައިޑަން ރިޔާސީ ރޭހަށް ނުކުމެވަޑައި ނުގަންނަވާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެ ސަބަބެއް އޭނާއަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ.

ބައިޑަން ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް އޮތް ހަމައެކަނި ހުރަހަކީ އޭނާގެ އުމުރު ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ބައިޑަންއަށް މުޅި ދުނިޔެ ސަމާލުވެފައި އޮތް ގޮތަށް އޭނާ ވެސް ބައިޑަންއާ މެދު ވިސްނަވާ ކަމަށެވެ. އޭނާގެ ހާލަތު ހުރީ ޓްރަމްޕް ވިދާޅުވި ގޮތުގައި ރިޔާސީ ރޭހެއްގައި ވާދަކުވޭ ގޮތަށް ނޫން ކަމުގައި ވިދާޅުވި އެވެ.

ބައިޑަން ރިޔާސީ ރޭހަށް ނުކުމެ ވަޑައިގަތުމަށް ހުރަސްއަޅާ ކޮންމެވެސް ސަބަބެއް އޮތް ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއީ ބައިޑަންގެ އުމުރާއި ސިއްހަތު ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.