މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެސްއެސްސީ އާއި އެޗްއެސްސީ އިމްތިހާނުގައި "އޭ ސްޓާ" ދޭން ނިންމައިފި

މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެސްއެސްސީ އިމްތިމާނުގައި އަދި 2017 ވަނަ އަހަރުން ފެށިގެން އެޗްއެސްސީ އިމްތިހާނުގައި އިސްލާމާއި ދިވެހި މާއްދާއިން A* ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަދު އެމިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އެސްއެސްސީ އަދި އެޗްއެސްސީ އިމްތިހާނުގައި A* ގްރޭޑް ރޭންކް ކުރަން ހަމަޖެހިފައިވަނީ އެޑެކްސެލް އަދި ކޭމްބްރިޖް އިމްތިހާނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އަދި އިމްތިހާނުތައް ގްރޭޑް ކުރުމުގައި އެޑެކްސެލް އަދި ކޭމްބްރިޖުން ގެންނަ ކޮންމެ ބަދަލެއް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުވެސް އޯލެވެލް އިން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

"2014 ވަނަ އަހަރު ފަސް މާއްދާއިން ފާސްވި ކުދިންގެ އުޅެނީ 52 އިންސައްތައިގައި. މިިދިޔަ 2015 ވަނަ އަހަރު ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު މިއުޅެނީ 56 އިންސައްތަ އަށް އިތުރުވެފައި" މިނިސްޓަރު ވިދާޅުވި އެވެ.

އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ އަދަދު އަށް ޕަސެންޓުން ނުވަ ޕަސެންޓަށް އިތުުރވެފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވަކި ވަކި ސްކޫލްތަކުގެ ނަތީޖާއަށް ބަލާއިރުވެސް ނަތީޖާއަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޯ ލެވެލް ހެދި ކުދިންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު 80 ޕަސެންޓުން މަތީގައި އުޅޭ ސްކޫލްތަކުގެ ޕްރިންސިޕަލުން އެހެން ސްކޫލްތަކަށް ގޮސް ތަޖުރިބާ ހިއްސާ ކުރަން ވެސް ހަމަޖައްސާފައިވާ ކަމަށެވެ.