ހަބަރު

ކުދިން ތައުލީމް ހާސިލްކުރާ ގޮތް 18 އަހަރު ވަންދެން އެޑިއުކޭޝަނުން ބަލަނީ

ކުއްޖާގެ އުމުރުން 18 އަހަރުވަންދެން އެ ކުއްޖާ ތައުލީމް ހާސިލް ކުރަމުންދާ ގޮތް ބަލައި މޮނިޓާ ކުރާ ގޮތަށް ޕޮލިސީއަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވީ މިހާރު ޕޮލިސީ އޮންނަ ގޮތުން އޯ ލެވެލް ހެދުމަށްފަހު އޭ ލެވެލް އަށް ނުދާ ކުދިންގެ ކަންތައްތައް އެޑިއުކޭޝަނުން ނުބަލާ ކަމަށެވެ. ނަމަވެސް މިއަންނަ އަހަރުން ފެށިގެން އޯ ލެވެލް ނިންމާ ކުދިންގެ ތެރެއިން އޭލެވެލް އަށް ނުދާ ކުދިންވެސް އުމުރުން 18 އަހަރު ވަންދެން ތައުލީމް ހާސިލްކުރަމުންދާ ގޮތް އަދި ތައުލީމް ހާސިލް ނުކުރާ ކުދިންވެސް ބަލައި މޮނިޓާ ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެކުދިން ތައުލީމް ހާސިލްކުރާ ގޮތް ބަލަން ނިންމީ ތައުލީމް ހާސިލް ނުކުރާ ކުދިންވެސް ތިބޭނެތީ. އެކުދިންނަށްވެސް ތައުލީމް ހާސިލް ކުރެވޭނެ ކޮންމެސް ގޮތެއް ހޯދައިދޭން ސަރުކާރުން ބޭނުންވޭ" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެކިއެކި ސަބަބު ތަކާއި ހުރެ ސްކޫލަށް ނުދާ ކުދިންނަށް ވެސް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކި އެކި ސަބަބު ތަކާއި ހުރެ އޭގެ ތެރޭގައި ގާނޫނީ ގޮތުން ހުރަހެއް އެޅޭތީ ނުވަތަ ހުކުމެއް ތަންފީޒުކުރަމުންދާތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބިފައި ނެތް ކުދިންނަށްވެސް ތައުލީމް ހާސިލް ކުރުމަށް ގޮތްތަކެއް ހޯދައިދޭން ހޯމް މިނިސްޓްރީ އާއި އެކު މަޝްވަރާ ކުރަމުން މިދަނީ. އެކުދިންނަށްވެސް އަމާޒުކޮށްގެން ޕްރޮގްރާމްތަކެއް މިދަނީ ރާވަމުން" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން، އެއްވެސް ގޮތަކަށް ސްކޫލަށް ނުފޮނުވާ ކުދިންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ޖެންޑާ އާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެފަދަ ކުދިންނަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް އެކުދިންގެ ބެލެނިވެރިންނާއި ވާހަކަ ދައްކާ މަޝްވަރާކުރާނެ ކަމަށެވެ.