ބޮލީވުޑް

މީޒާން ޖެފްރީ ވެސް އުމުރާގެ އަޅުކަމުގައި

އެކްޓަރު-ކޮމޭޑިއަން ޖާވީދު ޖެފްރީގެ ދަރިފުޅު އަދި އަލަށް ފިލްމު ކުޅެން ފެށި އެކްޓަރު މީޒާން ޖެފްރީ ވެސް މި ރޯދަ މަހު ހުރީ މާތް ވެގެންވާ މައްކާގައި އުމުރާގެ އަޅުކަން ފުރިހަމަކުރަން ގޮހެވެ. މީޒާންގެ އިންސްޓަގްރާމް ސްޓޯރީޒްގައި އޭނާ އުމުރާގެ އަޅުކަން ފުރިހަމަ ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓްކޮށްފައިވެ އެވެ.

"ހަންގާމާ 2"ގައި މުހިއްމު ރޯލެއް ކުޅުނު މީޒާން ލިޔެފައިވާ ގޮތުގައި އުމުރާ ވުމަށްޓަކައި ހާރު ކެއުމެއް ނިދުމެއް ނެތި އުޅޭތާ ހަތަރު ގަޑިއިރު ވެއްޖެ އެވެ. ނަމަވެސް ކުރަން އައި ކަން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

މީޒާން ބޮލީވުޑަށް ތައާރަފްވީ ސަންޖޭ ލީލާ ބާންސާލީގެ "މަލާލް" އިންނެވެ. އޭގެ ފަހުން "ހަންގާމާ 2"ގައި ވެސް މީޒާން ބައިވެރިވި އެވެ.

މީޒާން މިހާރު ކުޅެމުންދަނީ "ޔާރިޔާން 2" އެވެ. މި ފިލްމުގައި އޭނާއާއެކު ބައިވެރިވާ އެކްޓަރުންގެ ތެރޭގައި ދިވްޔާ ކޯސްލާ ކުމާރު އާއި ޕާލް ވީ ޕޫރީ، ރާދިކާ ރާއޯ އަދި ވިނޭ ސަޕްރޫ ހިމެނެ އެވެ.

މީޒާން އަކީ ކުރީގެ ގިނަ ފިލްމުތަކެއްގައި ކޮމެޑީ ރޯލުތައް އަދާކުރި އަދި ގިނަ ބަޔެއްގެ ކުރިމަތީގައި ވަރަށް މަގްބޫލުކަން ހޯދާފައިވާ ޖަގްދީޕްގެ ކާފަ ދަރިއެކެވެ.

ބޮލީވުޑްގެ އާއި ޓިވީގެ ބައެއް ތަރިން މިއަހަރު އުމުރާގެ އަޅުކަން ފުރިހަމަ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޙީނާ ޚާން އާއި އަލީ ގޯނީ އަދި އާސިމް ރިއާޒް ހިމެނެ އެވެ.