ހަބަރު

މައިކްރޯސެފަލީ ރާއްޖޭގައި އިތުރެއް ނުވޭ: ހެލްތް މިނިސްޓްރީ

މައިކްރޯސެފަލީ ނުވަތަ ވިހާއިރު ކުއްޖާގެ އުމުރާ އެއްވަރަށް ސިކުނޑި އުފެދިފައި ނުވުމުގެ އުނިކަން ރާއްޖޭގައި އިތުރުވަމުން ނުދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑރ. ފާތިމަތު ނަޒުލާ ރަޝީދު ވިދާޅުވީ، ޒިކާ ވައިރަސް އާއި މައިކްރޯސެފަލީއާ ގުޅުމެއްވެދާނެ ކަމަށް ބެލެވުމާ ގުޅިގެން އެޗްޕީއޭއިން، އައިޖީއެމްއެޗްގައި ކުދިން އުފަންވާއިރު އެއްވެސް އުނިކަމެއް ހުންނަ ނަމަ ފާހަގަކުރަން ގާއިމުކޮށްފައިވާ ޑޭޓާބޭސް ބަލައި ރާއްޖޭގައި މައިކްރޯސެފަލީ އިތުރުވެފައިވޭތޯ ބަލާފައިވާ ކަމަށެވެ.

ނަމަވެސް އެ ޑޭޓާތަކުން ދައްކާ ގޮތުގައި، މައިކްރޯސެފަލީ ރާއްޖޭގައި އިތުރުވެފައިވާ ކަމަކަށް ނުދައްކާ ކަމަށް ޑރ. ނަޒުލާ މިއަދު ވިދާޅުވި އެވެ.

ޒިކާ ވައިރަސް ދުނިޔެއިން އެންމެ ފުރަތަމަ 1940 އަހަރު ފެނިފައިވާއިރު އެ ބައްޔަކީ އެހާ ސަމާލުކަމެއްދީގެން ބައްޔާބެހޭ ދިރާސާތަކެއް ހަދާފައިވާ ބައްޔެއް ނޫނެވެ. މިދިޔަ އަހަރުގެ މޭ މަހު ބްރެޒިލުން ޒިކާ ވައިރަސް ފެނި އެ ގައުމުގައި މިދިޔަ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ޒިކާ ވައިރަސް ބާރު ސްޕީޑެއްގައި ފެތުރިފައިވެ އެވެ. ދުނިޔޭގެ ސަމާލުކަމަށް ޒިކާ ވައިރަސް އައީ ބްރެޒިލްގައި މައިކްރޯސެފަލީ އިންތިހާއަށް އިތުރުވުމާ ގުޅިގެންނެވެ.

ބްރެޒިލްގައި ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ޒިކާ ވައިރަސް އާއި މައިކްރޯސެފަލީ ގުޅުމެއްވެ އެވެ. ނަމަވެސް މިއީ އަދި ކަށަވަރު ކުރެވިފައިވާ ކަމެއް ނޫނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ އެކަން އަދި ކަށަވަރުނުވާ ކަމަށް ބުނެފަ އެވެ. މިހާރު ޒިކާ ވައިރަސް އެންމެ ބާރަށް ފެތުރެމުންދަނީ ލެޓިން އެމެރިކާގެ ގައުމުތަކުގަ އެވެ.

ރޭ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔެއަށް ހެލްތް އެމަޖެންސީ އިއުލާންކޮށްފައިވީ ނަމަވެސް އެ ޖަމިއްޔާއިން ވަނީ މި އެމަޖެންސީގެ ސަބަބުން އެއްވެސް ގައުމަކަށް ދަތުރުކުރުން ހުއްޓާލުމަށް ނުވަތަ ދަތުރު މަދުކުރުމަށް ނާންގާނެ ކަމަށެވެ. އަދި އެކަން ކުރުމަކީ އެދޭ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

އެ ޖަމިއްޔާއިން އެދެނީ ޒިކާ ވައިރަސްއިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް ހުރިހާ ގައުމުތަކުން އެކުގައި އެޅުމަށެވެ. ޒިކާ ވައިރަސްއަކީ ޑެންގީ ވައިރަސް ވެސް ފަތުރާ އީޑިސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެކެވެ. އެހެންކަމުން ޒިކުރާ ވައިރަސްގެ އަލާމަތްތަކަކީ ވެސް ޑެންގީ ހުމުގެ އަލާމަތްތައް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.