އިލެކްޝަންސް ކޮމިޝަން

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފި އެވެ.

މި އިންތިހާބުގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒް އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނު ކުރި ދާއިމީ ނަތީޖާތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒުއަށް ލިބިވަޑައިގަތީ 1،346 ވޯޓު -- 49.96 ޕަސަންޓެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓު -- 45.51 ޕަސަންޓެވެ. އަލީ އާރިފުއަށް ލިބިވަޑައިގަތީ 122 ވޯޓު -- 4.53 ޕަސަންޓެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،423 މީހުންނަށް ލިބިފައިވާއިރު ވޯޓުލާފައިވަނީ 2،755 މީހުންނަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ 61 ވޯޓު ބާތިލުކަމަށް ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ގުރައިދޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމުގައިވާ ކ. ގުރައިދޫ، ކ. މާފުށި އަދި ކ. ގުޅިގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި މި ތިން ރަށުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓުލުމަށް މާލޭގައިވެސް ވޯޓުލުން ކުރިއަށް ގެންގޮސްފައިވެ އެވެ.