މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

25،000 ޑިޖިޓަލް ލައިސަންސް ދޫކޮށްފި

Apr 26, 2023

އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންކުރާ ލައިސަންސް ޑިޖިޓަލް ކުރި ފަހުން މިހާތަނަށް 25،000 ޑިޖިޓަލް ލައިސަންސް ދޫކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ޑިޖިޓަލް ލައިސަންސް ދޫކުރަން ފެށި މިދިޔަ ފެބްރުއަރީ ފަސްވަނަ ދުވަހުން ފެށިގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ މިނިސްޓްރީން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަކަމާއިއެކު ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ލައިސަންސަށް އެދި ހުށަހެޅުމަށާއި ލައިސަންސް ދޫކުރުމަށް ހާއްސަކޮށްގެން ސިމްސް އޮންލައިން ޕޯޓަލްގެ ނަމުގައި ޕޯޓަލެއް ތައާރަފްކޮށްފަ އެވެ.

ސިމްސް ޕޯޓަލްގެ ހިދުމަތް ހޯދޭނީ އީފާސް އެކަންޓް މެދުވެރިކޮށެވެ. މިހާރު ވަނީ ކޮންމެ ރަށެއްގައި ހުރެގެންވެސް ސިމްސް ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ހޯދޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ. އަތޮޅުތަކުގައި "އޭ" ޒޯން ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކައުންސިލްތަކަކުންވެސް ސިމްސް މެދުވެރިކޮށް މިހާރު ހިދުމަތް ދެމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި މިބަދަލާ އެކު ފުލުހުންގެ މޯބައިލް އެޕްލިކޭޝަން "ޕޮލިސް އެމްވީ"އިން އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑިޖިޓަލް ލައިސަންސް ފެންނަން ހުންނާނެ އެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ދެނީ ޑިޖިޓަލް ލައިސަންސް ކާޑެވެ. ނަމަވެސް ބޭނުންވާ މީހުންނަށް ކާޑު ޕްރިންޓުކޮށްދޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.