މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ހުޅުމާލެ ބަނދަރުގެ އޮޕަރޭޝަން ފުޅާކުރަނީ

ރާއްޖެއިން ބޭރުން މުދާ ހިފައިގެން އަންނަ ކުދި ބޯޓުތަކަށް ހިދުމަތް ދެވޭނެ ޝެޑެއް ހުޅުމާލޭގައި ތައްޔާރުކޮށް އެ ބަނދަރުގެ ހިދުމަތްތައް ފުޅާކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ޕެރިޝަބަލް -- އަވަހަށް ހަލާކުވާ ޒާތުގެ މުދާ ހިފައިގެން އަންނަ ކުދި ބޯޓުތަކުން ޖެނެރަލް ކާގޯ -- އާންމު މުދާ މާލޭގެ ބަނދަރަށް ގެންނަ ކަމަށާއި އެކަމާ ގުޅިގެން މާލޭގެ ބަނދަރަށް ބާރުބޮޑުވާ ކަމަށެވެ. ނަމަވެސް ހުޅުމާލޭގައި ތައްޔާރުކުރި ޝެޑްގެ ސަބަބުން އެ މައްސަލައަށް ހައްލުތަކެއް ލިބި ހިދުމަތް އަވަސްވާނެ ކަމުގައި ވިދާޅުވި އެވެ.

"އެއީ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ޖެނެރަލް ކާގޯ ގެންނަ ފަރާތްތަކަށް. ކުދި ބޯޓުތަކުންވެސް ހައި ޕްރިޝަބަލް، ޕެރިޝަބަލް މާލެއަށް ބާލާފައި ޖެނެރަލް ކާގޯ ހުރެއްޖެނަމަ ހުޅުމާލެއަށް ބަލާނަމަ ވަރަށް އަވަސްވާނެ އޮޕަރޭޝަން،" ޝާހިދު ވިދާޅުވި އެވެ.

މުދާ ކްލިއާ ކުރުމާއި ގުޅޭ ގޮތުން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް މިހާރު އޮންލައިންކޮށް ހުށަހެޅޭއިރު ފައިސާވެސް އޮންލައިންކޮށް ދެއްކޭކަން ޝާހިދު ފާހަގަކުރެއްވި އެވެ.

ދުރާލާ ލިޔެކިޔުންތައް ފުރިހަމަވެފައިވާނަމަ އަދި ގިނަ ބޯޓުތައް ނެތްނަމަ 24 ގަޑިއިރުގެ ތެރޭގައި މިހާރު ބޯޓުން މުދާ ހުސްކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ހުޅުމާލޭގައި ކޮންޓެއިނާ ކަނޑާ އަދަދު މިހާރު އިތުރުވަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. 2019 ވަނަ އަހަރު ދުވާލަކު 20 އާއި 30އާ ދެމެދުގެ ކޮންޓެއިނާ ހުޅުމާލޭގައި ކެނޑިނަމަވެސް މިހާރު އެއަދަދު 60 އާއި 70އަށް އިތުރުވެފައިވާ ކަން ޝާހިދު ފާހަގަކުރެއްވި އެވެ.

ދޯނިތަކަށް މުދާ ލޯޑްކުރުމުގައި މާލެއަށްވުރެ ހުޅުމާލޭގައި ޖާގައިގެ ތަނަވަސްކަން މިހާރު އެބައޮތް ކަމުގައިވެސް ޝާޙިދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހދ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ބަނދަރުންވެސް މާލޭގައި ހިދުމަތްދޭ ވަގުތުތަކުގައި އެ ސްޕީޑްގައި މިހާރު ހިދުމަތްދޭނެ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެ ދެ ބަނދަރުންވެސް ޕެރިޝަބަލް މުދާ ބޭލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި މަސައްކަތަށް ބޭނުންވާ ވެހިކަލް ދެ ރަށުގެ ބަނދަރުގައި ހުންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އިންޑިއާއިން ޑައިރެކްޓްކޮށް ޕެރިޝަބަލް މުދާ އުފުލާ ބޯޓެއް ހިތަދޫއަށް ދަތުރުކުރާ ކަމަށާއި އައްޑޫގައި ހިނގާ މަޝްރޫއުތަކާއި ގުޅޭ މުދާތައް އެ ރަށަށް، ބޭރުން ގެންދާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.