ރައްޔިތުންގެ މަޖިލިސް

މާދަމާ ބަންދު ނުކުރަން ނިންމައިފި

Feb 3, 2016

މިދޔަ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަނުޖައްސަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މީގެ ކުރިން އާ އަހަރަށް ރައްޔިތުން މަޖިލިސް ހުޅުވާ ދުވަހު ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުން ފެށިގެން އެކަން ވަނީ ހުއްޓާލައިފަ އެވެ. މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ މާދަމާ ދަރުބާރުގޭގަ އެވެ. އެ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށް ރައީސް މަޖިލީހަށް ރިޔާސީ ބަޔާން ދެއްވާނެ އެވެ.

ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅު މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މަޖިލިސް ހުޅުވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަނުޖައްސަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުން މަޖިލިސް އާ އަހަރަކަށް ހުޅުވުމުގެ ގޮތުން ރައީސް މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަން ޖެހޭނެ އެވެ.

މިފަހަކަށް އައިސް އެމްޑީޕީގެ މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަން ފެށުމުން ރިޔާސީ ބަޔާން އިއްވަން ޖެހެނީ ވަރަށް ދަތިގޮތަކަަށެވެ. މިފަހަރު އިއްވާ ރިޔާސީ ބަޔާނަކީ ރައީސް ޔާމީން އިއްވަވާ ތިން ވަނަ ރިޔާސީ ބަޔާނެވެ.