އެމްޑަބްލިއުއެސްސީ

މަތިވެރީގެ ފެނުގެ މަސައްކަތް ނިންމާލައިފި

ފެން ކުންފުނި، އެމްޑަބްލިޔުއެސްސީ އިން އއ. މަތިވެރީގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމުގެ ގާއިމުކުރުމުގެ މަސައްކަތްތައް ނިންމާ ކޮމިޝަންކޮށްފި އެވެ.

އއ .މަތިވެރީ ފެނުގެ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޕްލޭނިން މިނިސްޓްރީ އާއި ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނާއެކު ކަމަށް ފެން ކުންފުނިން ވަނީ ބުނެފަ އެވެ.

މިމަޝްރޫއުގެ ދަށުން މަތިވެރީގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅާފަ އެވެ.

މީގެ އިތުރުން ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފަ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފަ އެވެ.

މަތިވެރީގެ ފެނުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 38.82 މިލިއަން ރުފިޔާ އެވެ. މިމަޝްރޫއުގެ ސަބަބުން މަތިވެރީގެ ރައްޔިތުންނަށް ސާފު ބޯފެން ލިބިގެންދާނެ އެވެ.