ދީން

ދެމިގެންދާ ސަދަގާތުގެ މުހިއްމުކަން

Apr 28, 2023

ދެމިގެންދާ ސަދަގާތެކޭ ބުނެވޭ ބަހުގެ މާނައަކީ އިންސާނާ މަރުވުމަށްފަހުވެސް އެ ސަދަގާތުގެ ފައިދާ އޭނާއަށް ލިބިލިބި ހުންނަ ސަދަގާތެވެ.

އިންސާނާ މަރުވުމަށްފަހު، އޭނާގެ ހުރިހާ އަމަލުތައް ހުއްޓިދެ އެވެ. ނަމަވެސް ކޮށްފައިވާ ސަދަގާތަކީ ދެމިގެންދާފަދަ ސަދަގާތެއްނަމަ އެކަމުގެ ޘަވާބާއި ދަރުމަ އޭނާ ކަށްވަޅުގައި އޮންނަ ހިނދު ވެސް ލިބިލިބި ހުންނާނެ އެވެ.

މާތް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم މިގޮތަށް ދެމިގެންދާ ތިން އަމަލެއްގެ ވާހަކަ ބަޔާންކުރައްވާފައިވެ އެވެ.

"إِذَا مَاتَ الإِنْسَانُ اِنْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ: صَدَقَةٌ جَارِيَةٌ، وَعِلْمٌ يُنْتَفَعُ بِهِ، وَوَلَدٌ صَالِحٌ يَدْعُو لَهُ" (رَوَاهُ التِّرْمِذِي)

މާނައީ: "އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އަމަލުތައް ހުއްޓިދެ އެވެ. صَدَقَةٌ جَارِيَةٌ: ދެމިގެންވާ ސަދަގާތެކެވެ. وَعِلْمٌ يُنْتَفَعُ بِهِ: ފައިދާ ކުރަނިވި އިލްމެކެވެ. وَوَلَدٌ صَالِحٌ يَدْعُو لَهُ: އޭނައަށްޓަކައި ދުއާކުރާ ސޯލިހް ދަރިއެކެވެ.

ފުރަތަމަ ކަމަކީ ދެމިގެންވާ ސަދަގާތެއް ކުރުމެވެ. މިއީ ވަރަށް ތަނަވަސް ފުޅާ ދާއިރާ އެކެވެ. މީގެ ތެރޭގައި މިސްކިތެއް ބިނާކުރުން ނުވަތަ ސްކޫލެއް ބިނާކުރުން ފަދަ ކަންތައް ހިމެނިގެންދެ އެވެ. ނުވަތަ މިފަދަ މަޝްރޫއުތަކަށް ފައިސާގެ މިންވަރެއް ހަދިޔާކުރުމަކީ ވެސް މިފަދަ އަމަލެއްގައި ބައިވެރިވުން ކަމުގައި ބެލެވިދާނެ އެވެ. އެކަމުން މީސްތަކުން ފައިދާ ލިބިގަންނަހާ ހިނދަކު އެކަމުގެ ޘަވާބާއި ދަރުމަ އެމީހަކު މަރުވުމަށްފަހުވެސް އެމީހަކަށް ލިބިލިބި ހުންނާނެ އެވެ.

ދެވަނަ ކަމަކަށް ހަދީޘްފުޅުގައި ވާރިދު ވެފައިވަނީ ފައިދާ ކުރަނިވި އިލްމެކެވެ. މިއީ ހަމައެކަނި އިލްމުވެރިންގެ ވާހަކައެއް ނޫނެވެ. މިއީ ކޮންމެ މުސްލިމަކަށްވެސް ކުރެވިދާނެ ކަމެކެވެ. އެގޮތުން އިލްމު ފެތުރުމަށް ކުރެވޭ ހުރިހާ ކަމެއް މީގެ ތެރޭގައި ހިމެނިފައިވެ އެވެ. އެއީ މީހަކަށް ފޮތެއް ނުވަތަ އިލްމުގެ މިންވަރެއް ހިމެނޭ ކޮންމެވެސް އެއްޗެއް ފޯރު ކޮށްދީފިނަމަ، އެ މީހަކު އޭގެ ބޭނުންކުރާހާ ހިނދަކު، އެކަމުގެ ޘަވާބާއި ދަރުމަ އެ ފޯރުކޮށްދިން މީހާއަށް ލިބިލިބި ހުރެ އެވެ. މައިންބަފައިން ދަރިންނަށް ތައުލީމު އުނގަންނައިދިނުމުގެ ގޮތުން އެކުރާ ބުރަ މަސައްކަތް ވެސް މީގެ ތެރޭގައި ހިމެނިގެން ދާނެ އެވެ. އެހެންކަމުން މިއީ ފުޅާވެގެންވާ ކަމެކެވެ.

ތިންވަނަ ކަމަކަށް މާތް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم ހަދީޘްފުޅު ކުރައްވާފައިވަނީ މައިންބަފައިންނަށްޓަކައި ދުއާ ކުރާ ސޯލިހް ދަރިއެކެވެ. މިކަމުން ދޭހަކޮށްދެނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިއްމު ކަމެވެ. އެދަރިންނަކީ އެދަރިންގެ ފަރާތުން ދުނިޔެއާއި އާޚިރަތުގައިވެސް މައިންބަފައިންނަށް ފައިދާ ކުރާނޭ ދަރިންތަކެކެވެ.

މިތިން އަމަލުން ކުރެ އަމަލެއް ހާސިލްކޮށްފި މީހާ އެ ހާސިލް ކުރީ، އޭނާ ކަށްވަޅުގައި އޮންނަ ހިނދު، ޘަވާބާއި ދަރުމަ އޭނާއަށް ލިބިލިބި ހުންނާނެ ކަމެކެވެ. އަދި މި ތިން ކަންތަކަކީ އޭގެ ހަގީގަތަށް ބަލާއިރު، "صدقة جارية" ނުވަތަ ދެމިގެންދާ ސަދަގާތުގެ ބައިގައި ހިމެނޭނެ ކަންކަމެވެ.

އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެން މަރާ ބައްދަލުވުމުގެ ކުރިން މިފަދަ ދެމިގެންދާ ސަދަގާތެއް ކުރެވޭތޯ އެވެ.

ލިޔުނީ: މަރްޔަމް ތޮއުމަތު